07 Feb 2018, 12:58
ޑާކްރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭ ކޮންމެ ފިލްމަކީ ވެސް ބެލުންތެރިން ވަރަށް ގަޔާވެގެން ބަލަމުން އަންނަ ފިލްމު ތަކެކެވެ. ބެލުންތެރިންގެ ތަރުހީބަކީ އެ ޓީމުގެެ ހިތްހަމަޖެހުމެވެ. ބެލުންތެރިންގެ މަގްބޫލުކަމާ އެއްވަރަށް އެ ޓީމަށް ގިނަ ބަޔަކު އިތުބާރު ވެސް ކުރެ އެވެ.
އެ ޓީމުން އަބަދު ވެސް އަންނަނީ ތަފާތު އުފެއްދުންތަކެއް ބެލުންތެރިންނަށް ގެނެސްދެމުންނެވެ. ޑާކްރެއިން އެންޓަޓެއިންމަންޓް ޓީމުން އެންމެ އަވަހަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމަކީ "ވަކިން ލޯބިން" އެވެ. އަންނަ މާޗް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ލީޑް ރޯލުން ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ (މަޖޫ) ފެނިގެންދާއިރު އެ ފިލްމަކީ 'ފެމެލީ ޑްރާމާ'އެއް ކަމަށް އެ ޓީމުން ބުނެ އެވެ.
މުޖުތަމައުގައި ހިނގާ އެންމެ ބޮޑު މައްސަލައަކަށް ތައްޔާރުކޮށްފައިވާ އެ ފިލްމުގެ ތަރިންނަކީ ނުޒުހަތު ޝުއައިބު، ހަދީޖާ އިބްރާހިމް (ކުޑަހައްޖަ)، އަހުމަދު ސުނީ، އާދަމް ރިޒްވީގެ އިތުރުން މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން ފެނުނު އިބްރާހިމް އަމަން އެވެ.
ފިލްމުގެ މަސައްކަތާ މެދު ތަރިން ހިތްހަމަ ޖެހޭ ކަމަށް ބުނި އިރު އެ ޓީމުން ދެން އެންމެ އަވަހަށް ސްކްރީނަށް ގެންނަން ތައްޔާރުވެފައިވާ ފިލްމަކީ 'ގޮށްރާޅު" އެވެ.
ފިލްމުގެ ފުރަތަމަ ޕޯސްޓަރު މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ އިރު މޫމިން ފުއާދުގެ ވާހަކައަކަށް ތައްޔާރު ކުރާ އެ ފިލްމަކީ އެންމެ ތަފާތު ފިލްމެވެ. ފިލްމުގެ 75 ޕަސެންޓް މަސައްކަތް ނިމިފައިވާ އިރު މިހާރު ކުރަމުން އަންނަނީ އެ ފިލްމުގެ އެންމެ ފަހުގެ މަސައްކަތް ކަމަށް ފިލްމުގެ ސޯލޯ ޑައިރެކްޓަރު އަހްމަދު ޝިނާން ބުންޏެވެ.
އަންނަ އޭޕްރިލް މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ޔަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓްގެ 12 ވަނަ އަހަރު ކަޑައްތު ކުރާއިރު އެ ޓީމުން ވަނީ ނުވަ ފީޗާ ފިލްމު، ހަތަރު ކުރު ފިލްމު، އަށް ޓީވީ ސީރީޒްގެ އިތުރުން 51 އެވޯޑް ހޯދައިފަ އެވެ.
އެ ޓީމުގެ ކުރިއަށް ހުރި ޕްރޮޖެކްޓް ތަކާ ބެހޭ ގޮތުން ނޫސްވެރިންނާ މައުލޫމާތު ދެމުން ބުނީ "ގޮށްރާޅު" އަށް ފަހު "މާމުއި" ކިޔާ ޕްރޮޖެކްޓެއް ފަށާނެ ކަމަށެވެ. ފިލްމުގައި ހަރަކާތްތެރިވާނެ އެކްޓަރުން ފައިނަލް ކުރަމުންދާ ކަމަށާއި ފިލްމުގެ 'މެއިން' ތަރިންނަކީ ކޮބައިކަން ނިންމާފައިވާ ކަމަށެވެ.
ފިލްމުގައި ހަރަކާތްތެރިވާ ބައެއް ތަރިންނަކީ އިސްމާއީލް ޖުމައިހް (ޖުމާ)، މުހައްމަދު ފައިސަލް، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، މަރިޔަމް މަޖުދާ (މަޖޫ)، އަހްމަދު ސުނީ، ހަމްދާން ފާރޫގް، އާދަމް ރިޒްވީ، މަރިއްޔާ، އައިމިނަތު ނޫރާ، އަހްމަދް އަމާން، ނުޒުހަތު ޝުއައިބު (ނުޒޫ) އަދި އަހްމަދު ޝާކިރު އެވެ.
"މާމުއި"ގެ ކާސްޓަކީ ބޮޑު ކާސްޓެއް ކަމަށާއި ފިލްމުގެ މަސައްކަތް މެއި ނުވަތަ ޖޫން ހިސާބުގައި ފަށާނެ ކަމަށް އެ ޓީމުން ބުންޏެވެ. ޓީމުން ބުނީ ފިލްމު އަންނަ އަހަރު އޮލިމްޕަސް ސްކްރީނަށް ފެންނާނެ ކަމަށެވެ.
އެއާއެކު ޑާކްރެއިން އެންޓަޓެއިންމަންޓްގެ ވެބް ސީރީސް އެއް އޮންލައިންކޮށް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ވެބް އަކީ 'ސޯޝަލް އިޝޫ' އާ ބެހޭ ގޮތުން އުފައްދާ ކުރު ފިލްމުތަކެއް ކަމަށާއި އެ ނުކުންނާނީ ވެބް ސީރީސްގެ ގޮތުގައި ކަމަށް ޓީމުގެ އިސް މީހެއް ކަމަށްވާ މުހައްމަދު އަލީ (މޮގާ) ބުންޏެވެ.