ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެ ކޯޓުން އިންޑިއާގެ އެހީތެރިކަމަށް އެދިފައި ނުވާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ސުޕްރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކޮށްދިނުމަށް އެ ކޯޓުން އިންޑިއާގެ އެހީތެރިކަމަށް ވަނީ އެދިފަ އެވެ.

އެކަމާ ގުޅިގެން ޑީޖޭއޭއިން ބުނީ ސުޕްރީމް ކޯޓުންވެސް އަދި ޖުޑިޝަރީންވެސް އެފަދަ އެއްވެސް ކަމަކަށް އެދިފައި ނުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ޖަލަށް ލާފައިވާ ނުވަ ސިޔާސީ ފަރާތެއް ވަގުތުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ. އެ އަމުރުކޮށްފައި ވަނީ އެ ބޭފުޅުންގެ މައްޗަށް ހިންގި ތަހުގީގާއި ޝަރީއަތްތަކަކީ ނުފޫޒުން ހިންގާފައިވާ ޝަރީއަތްތަކެއް ކަމަށް ކަނޑައަޅާފައެވެ.

އެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ފަސް ޖެހިފައި ވަނިކޮށް އިއްޔެ އަނެއްކާވެސް ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ބުނެފައިވަނީ ހުކުމް ތަންފީޒު ކުރުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށާއި އެހެންކަމުން ހުކުމް ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.