ގެދޮރުވެރިންނަށް އަމާޒުކޮށް "ލައިފްސްޓައިލް ލޯން"ގެ ނަމުގައި އާ ލޯނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން 'ލައިފްސްޓައިލް ލޯން' ތައާރަފްކުރީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށްގެންދާ އަހަރެންގެ ބޭންކް ކެމްޕެއިންގެ ދަށުންނެވެ.

ބީއެމްއެލްއިން ބުނީ، މިއަދު ތައާރަފް ކުރި ލައިފްސްޓައިލް ލޯނަކީ ކަސްޓަމަރުން ބޭނުންވާ ފަދަ ފައިނޭންސިންގެ އިތުރު ފުރުސަތު ހޯދައިދިނުމަށް އެ ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރި ލޯނެއް ކަމަށެވެ.

ލޯނާ ގުޅޭގޮތުން ބީއެމްއެލްގެ ޑައިރެކްޓަރ އޮފް ބިޒްނަސް ކުލްދިޕް ޕަލިވާލް ވިދާޅުވީ 'ލައިފް ސްޓައިލް ލޯން' ފަރުމާކުރެވިފައިވަނީ ގެދޮރުވެރިންނަށް އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހު ލުއިފަސޭހަކަމާއެކު 500،000 ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެ ގޮތަށްކަމަށެވެ. އަދި އެ ލޯނު މެދުވެރިކޮށް އަމިއްލަ ބޭނުންތަކަށާއި ވިޔަފާރި ބޭނުންތަކަށް ފައިނޭންސް ކުރެވޭނެ ކަމަށްވެސް ކުލްދިޕް ބުންޏެވެ.

"ބީއެމްއެލް ލައިފްސްޓައިލް ލޯނަކީ ފަސޭހަކަމާއެކު ކްރެޑިޓެއް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވަރަށް އެކަށޭނެ ލޯނެއް. ކުލީގެ ގޮތުގައި އާމްދަނީ ލިބޭ ފަރާތްތަަކަށް އަމިއްލަ ގެދޮރު ރަހުނުކުރުމަށްފަހު ފަސޭހަކަމާ އެކު 500،000 ރުފިޔާ އާ ހަމަޔަށް ދޫކުރެވޭ ލޯނަކަށް ވުމާއެކު، މިއީ އެ ކަސްޓަމަރުންގެ މެދުގައި މަޤްބޫލް ލޯނަކަށް ވެގެންދާނެ،" ކުލްދިޕް ވިދާޅުވިއެވެ.

އެ ލޯނާ ގުޅޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ކޮންމެ ބްރާންޗަކުންނާއި، ރިލޭޝަންޝިޕް މޭނަޖަރުން މެދުވެރިކޮށް އަދި ބޭންކުގެވެބްސައިޓްއިން ލިބޭނެކެމަަށް ބޭންކުން ބުންޏެވެ.