ރާއްޖޭގެ ހާލަތު ރަނގަޅުވަންދެން ޗައިނާ ރައްޔިތުން ރާއްޖެއަށް ޒިޔާރަތްކުރުން ވަގުތީގޮތުން ހުއްޓާލުމަށް ޗައިނާ ސަރުކާރުން އިލްތިމާސްކޮށްފިއެވެ. ޗައިނާއަކީ ރާއްޖެއަށް ޒިޔާރަތްކުރާ އެންމެ ގިނަ ފަތުރުވެރިން ނިސްބަތްވާ ގައުމެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާ ގުޅިގެން، ބައެއް ގައުމުތަކުން ދަނީ ރާއްޖެއަށް ޒިޔާރަތްކުރުމާ މެދު ޓްރެވަލް އެޑްވައިޒަރީ ނެރެމުންނެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން އެގައުމުގެ ރައްޔިތުން ރާއްޖެ އައުމާ މެދު ސަމާލުވުމަށް އަންގައި، ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައި ވަނިކޮށް، ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމުގެ ރައްޔިތުން ރާއްޖެއަށް ދަތުރުކުރުން ވަގުތީގޮތުން ހުއްޓާލުމަށް އިލްތިމާސްކޮށްފައެވެ.

"ޗައިނާއިން އިލްތިމާސްކުރަނީ، ކައިރި މުސްތަގުބަލުގައި ރާއްޖެއަށް ދަތުރުކުރުމަށް ގަސްދުކޮށްގެން ތިބި ޗައިނާ ރައްޔިތުން، ރާއްޖޭގެ ހާލަތު ރަނގަޅުވަންދެން ރާއްޖެއަށް ޒިޔާރަތް ނުކުރުމަށް،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެންގް ޝުއަންގް ނޫސްވެރިންނަށް ވިދާޅުވި ކަމަށް ރިއޮޓަރސްއިން ރިޕޯޓުކުރެއެވެ.

އޭނާ ވިދާޅުވީ، ރާއްޖޭގައި ހިނގަމުންދާ މައްސަލަތައް ހައްލުކުރުމަށްޓަކައި، ތަފާތުތައް އެއްފަރާތްކޮށް މަޝްވަރާތައް ފެށުމަށް އިސްކަން ދިނުން މުހިންމު ކަމަށް ޗައިނާއިން ގަބޫލުކުރާ ކަމަށެވެ.

ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހަކީ ޗައިނީޒް ނިއު އިޔާ ދުވަހެވެ. ކޮންމެ އަހަރަކުވެސް ޗައިނީޒް ނިއު އިޔާއާ ދިމާކޮށް، އެގައުމުގެ ގިނަ އަދަދެއްގެ ފަތުރުވެރިންތަކެއް ރާއްޖެއަށް ޒިޔާރަތްކުރެއެވެ.