06 Feb 2018, 12:12
ވޮޝިންޓަން (ފެބްރުއަރީ 6): އެމެރިކާގެ ޕެންޓަގަންގެ ޑިފެންސް ލޮޖިސްޓިކްސް އޭޖެންސީ (ޑީއެލްއޭ) އިން 800 މިލިއަން ޑޮލަރު ހޭދަ ކުރި ގޮތުގެ ލިޔެކިޔުންތަކެއް ނެތް ކަމަށް އޮޑިޓުން ދައްކައިފި އެވެ.
އޮޑިޓް ފާމް އާންސްޓް އެންޑް ޔަންގުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ޕެންޓަގަންގެ ލޮޖިސްޓިކްސް އޭޖެންސީން އަސްކަރިއްޔާގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތަކަށް ހަރަދު ކުރާ މިންވަރު ރަނގަޅަށް ޑޮކިއުމެންޓް ކުރެވޭނެ ސިޔާސަތުތަކެއް ނެތެވެ. އޭގެ ސަބަބުން އެފަދަ ޕްރޮޖެކްޓުތަކަށް ހަރަދު ކުރާ މިންވަރު ބެލުމުގައި ގިނަ އަދަދެއްގެ ކުށް ހުރި ކަމަށް އޮޑިޓް ފާމުން ބުންޏެވެ.
ޑީއެލްއޭއަކީ އެމެރިކާ އަސްކަރިއްޔާއަށް ކާނާ އާއި ތެލާއި އުޅަނދުތަކަށް ބޭނުންވާ ބައިތައް ފަދަ ތަކެއްޗާއި އިތުރު ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ޒިންމާ އަދާ ކުރާ އޭޖެންސީ އެވެ. އަދި 25،000 މުވައްޒަފުން ހިމެނޭ އެއޭޖެންސީއަށް ކޮންމެ ދުވަހަކު 100،000އަށް ވުރެ ގިނަ އޯޑަރުތައް އަންނަ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
އެއޮޑިޓުގެ ސަބަބުން ޕެންޓަގަންގެ ހަރަދުތަކާ ބެހޭ ގޮތުން އެމެރިކާގައި ވަނީ ކަންބޮޑުވުން އުފެދިފައި އެވެ. އަދި އެރިޕޯޓު އާއްމުކޮށްފައި ވަނީ އެމެރިކާގެ ޑިފެންސް ޑިޕާޓްމެންޓުގެ އަހަރީ ބަޖެޓު 700 ބިލިއަން ޑޮލަރުން 716 ބިލިއަން ޑޮލަރަށް އިތުރު ކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަސައްކަތް ކުރައްވަމުން ދަނިކޮށެވެ. (ބީބީސީ)