06 Feb 2018, 16:11
މިއަހަރުގެ އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް ށ. މިލަންދޫގައި ބާއްވަން ނިންމައިފިއެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފައިވަނީ މިއަހަރުގެ ޗެމްޕިއަންޝިޕް އޮންނާނީ އަންނަ މާޗު މަހުގެ 26 އިން 29 އަށް ކަމަށެވެ. އަދި މުބާރާތުގައި ހަތަރު އުމުރު ފުރާއަކުން ޖުމްލަ 74 އިވެންޓް ކުރިއަށް ގެންދިޔުމަށް ނިންމައިފައިވާ ކަމަށްވެސް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފައިވެއެވެ.
މިއަހަރުގެ މުބާރާތުގައި ކުރިއަށްދާ ތިން އުމުރުފުރާއަކީ 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށެވެ. މީގެން ކޮންމެ އުމުރުފުރާއެއްގެ ވެސް އަންހެން ފިރިހެން ޑިވިޝަންގެ އިވެންޓުތައް ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފައިވަނީ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމަށް ސްކޫލްތަކާއި އެ އެސޯސިއޭޝަންގެ މެމްބަރު ކްލަބުތަކަށް ހުޅުވާލައިފައި ވާކަމަށާއި، މިއަހަރުގެ ޗެމްޕިއަން ޓީމަށް 7،000 ރުފިޔާ، ދެވަނަ ޓީމަށް 5،000 ރުފިޔާ އަދި ތިންވަނަ ޓީމަށް 3،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ އެޓޯލް ޖޫނިއާ އެތުލެޓިކްސް މުބާރާތް ބާއްވާފައިވަނީ ސ. ހިތަދޫގައެވެ. އެ އަހަރުގެ ޗެމްޕިއަންޝިޕްގައި މެންބަރު ހަތް ކްލަބާއި ރާއްޖޭގެ 22 ސްކޫލަކުން ޖުމްލަ 95 ޓީމަކުން ވާދަކޮށްފައި ވެއެވެ.
މިއަހަރުގެ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމުގެ ފަހު ތާރީހަކީ މިމަހުގެ 20 ވަނަ ދުވަހެވެ.