ދިވެހިރާއްޖެއަށް އިންޑިއާ ސިފައިން ފޮނުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލި މައްސަލަ ފުލުހުން ވަގުތުން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަޝީދުގެ އޮފިޝަލް ޓްވިޓާ އެކައުންޓުން ކުރެއްވި ޓްވީޓުގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލް ނަގާލަން ގޮވާލާފައިވާތީ އޭނާގެ މައްސަލަ ޕޮލިހުން ބަލަން ޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ފަނޑިޔާރުންނާއި، ސިޔާސީ ގައިދީންނާއި އަދި ކުރީގެ ރައީސް މައުމޫނު މިނިވަންކުރުމަށް، އިންޑިއާގެ ވަފުދެއް، އިންޑިއާގެ ސިފައިންނާއެކު ފޮނުވުމަށް ދިވެހިރައްޔިތުންގެ ނަމުގައި އެދިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމީން ސަރުކާރުގެ އިސްވެރީން އެމެރިކާގެ ބޭންކުތައް މެދުވެރިކޮށް ކުރައްވާ ފައިސާގެ މުއާމަލާތްތައް ހުއްޓުވުމަށް، އެމެރިކާގެ ސަރުކާރަށް ވެސް ރައީސް ނަޝީދު ގޮވާލައްވާފައި ވެއެވެ.