07 Feb 2018, 15:24
ދިއްލީ (ފެބްރުއަރީ 7): އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަނބިކަނބަލުން ޖަޝޮދަބެން ދަތުރު ކުރައްވަމުން ގެންދެވި ކާރެއް ޓްރަކެއްގައި ޖެހުމުގެ ސަބަބުން އޭނާއަށް އަނިޔާވެއްޖެ އެވެ.
އެންޑީޓީވީން ބުނި ގޮތުގައި އެ އެކްސިޑެންޓު ހިނގި ވަގުތު ޖަޝޮދަބެން އިންނެވި ކާރުގައި އިތުރު ހަ މީހަކު ތިއްބެވެ. އަދި އެހާދިސާގައި އެކަކު މަރުވެ، ތިން މީހަކަށް އަނިޔާވި ކަމަށް އެނޫހުގައިވެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އަނބިކަނބަލުން ދަތުރު ކުރައްވަމުން ގެންދެވި ކާރު -- ފޮޓޯ: ޓުވިޓާ
އިންޑިއާގެ ފުލުހުން ވަނީ ޖަޝޮދަބެންގެ ހާލު ރަނގަޅު ކަމަށާއި އޭނާ އާއި އެހާދިސާގައި އަނިޔާވި އިތުރު މީހުންނަށް ފަރުވާ ދެމުންދާ ކަމަށް ބުނެފަ އެވެ. އަދި އެހާދިސާގައި އެކްސިޑެންޓުވި ޓްރަކުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.
މީގެ 50 އަހަރު ކުރިން ކައިވެނި ބައްލަވައިގެންނެވި މޯދީ އާއި ޖަޝޮދަބެން ވަނީ ކައިވެންޏަށް މާގިނަ އަހަރުތަކެއް ނުވަނީސް ވަކިން ދިރިއުޅުއްވަން ފައްޓަވައިފަ އެވެ.