ދޫނިދޫގައި މިވަގުތު ހައްޔަރުކޮށްފައި ހުންނެވި ރާއްޖޭގެ ކުރީގެ ރައީސުލްޖުމަހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް، އެމަނިކުފާނުގެ ދަރިކަލުން ޣައްސާން މައުމޫން ފިޔަވައި އެމަނިކުފާނުގެ ހުރިހާ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މައުމޫންގެ އަރިސް ބޭފުޅެއް ކަމަށްވާ އަބްދުލް އަލީމް "ސަން" އަށް މައުލޫމާތު ދެމުން ވިދާޅުވީ، ދޫނިދޫގައި މިއަދު މެންދުރު 1-2 އަށް ކުރިއަށް ދިޔަ ބައްދަލުުމުގައި ޔުމްނާ މައުމޫނާއި، ދުންޔާ މައުމޫންގެ އިތުރުން ފާރިސް މައުމޫން ވެސް ބައިވެރިވެވަޑައިގެން ނެވި ކަމަށެވެ.

ރައީސް މައުމޫން ދޫނިދޫގައި ބަންދުކޮށްފައި ހުންނެވިއިރު، އެމަނިކުފާނުގެ ދަނބިދަރިކަލުން އަދި ޔުމްނާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމްވެސް ހުންނެވީ ދޫނިދޫގައި ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ، ރައީސް މައުމޫން، ފަނޑިޔާރުންނާ ގުޅިގެން ސަރުކާރު ވައްޓާލަން އުޅޭކަމުގެ ހެކި ފުލުހުން ހޯދައިފައިވާ ކަމަށެވެ.

މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިނުމާއި ގާނޫނީ ގޮތުން އުފެދިފައިވާ ވެރިކަން ވައްޓާލުމުގެ ކުށުގެ ތުހުމަތުގައި ރައީސް މައުމޫން ހައްޔާރުކޮށްފައިވަނީ އިއްޔެއެވެ.