ދިވެހިން އަދިވެސް ތިބީ މޮޅިވެރިކަމާއެކު ކަމަށާއި ތިން ހަތަރު މީހަކު ދިވެހި ދައުލަތް ކުޑަކަކޫ ޖައްސާލި ދުވަސް ތާރީހުން ނުފިލާނެ ކަމަށް ރައީސުލްޖުމޫހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ވައި18 ކެމްޕެއިން އޮފީހުގައި ރޭ ޕީޕީއެމްގެ ކަނބަލުންނަށް ހާއްސަކޮށްގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހި ތާރީހުގައި ލިޔަން ޖެހޭނީ ތިނެއް ނޮވެމްބަރު 1988 ނޫން ކަމަށާއި އަމިއްލަ ގައުމުގެ ބަޔަކު ނުކުމެ ހިންގަން އުޅުނު ކަންތައްތަކުން ސަލާމަތްވި ދުވަސް ކަމަށެވެ.

"އަޅުގަނޑުމެންގެ އަމިއްލަ ބަޔަކު ނުކުމެ ހިންގަން އުޅުނު ކަންތައްތަކުގެ ނަތީޖާ އަޅުގަނޑުމެންނަކަށް ނޭނގޭ. ﷲ ގެ ރަހުމަތްފުޅާއެކީ ސަލާމަތުގެ އައްސޭރިއަށް އަޅުގަނޑުމެން ވާސިލް ކުރެއްވީ. މި ނިއުމަތަށް ހަމްދުކުރުން މަތީ އަޅުގަނޑުމެން އަބަދު ތިބެން ވާނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިޝާރާތް ކުރެއްވި ހަތަރު ބޭފުޅުންނަކީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

ރައީސް ވިދާޅުވީ މަރު ތަންމަތީ ތިބި ނަމަވެސް މި ދުވަސްމަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި ސަލާމަތީ ބާރުތަކުން ދެއްކެވި ސާބިތުކަން އަދިވެސް ފާހަގަކުރަނީ އުފަލާއެކު ކަމަށެވެ.

"ސަލާމަތީ ބާރުތަކުން ދެއްކެވި ސާބިތުކަން އަދިވެސް ފާހަގަކުރަން. އެ ބޭފުޅުން އެ ދެއްކެވި ގައުމީ ހިތްވަރާއި ޖޯޝަށް އަދި ގައުމުދެކެ ލޯބިވާ ބައެއްގެ ގުރުބާން ކޮންމެ ބޭފުޅަކީ ފަރުދީ ގޮތުން ވަކި ވަކިން އެއިން ކޮންމެ ބޭފުޅަކަށް ޝުކުރުއަދާ ކުރައްވާ. ދިވެހި ދައުލަތް އެކަމުން ސަލާމަތް ކުރެއްވި ބަޔަކީ ހަމަ ހަގީގަތުގައި ވެސް ދިވެހި ފުލުހުންނާއި ސިފައިން،" ރައީސް ވިދާޅުވިއެވެ.

އެކި ހުކުމްތަކުގައިވާ ސިޔާސީ ލީޑަރުން ދޫކޮށްލުމަށާއި ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްެރީމް ކޯޓުން މިމަހުގެ އެއްވަނަ ދުވަހު ކުރި އަމުރާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަޝްރަހު ވަނީ ހަލަބޮލިވެފައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލްއާއި ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުރުން ފުލުހުންނާއި ސިފައިންނަށް ގޮވާލައި މާލޭގެ މަގުތަކުގައި އެއްވުންތައް ބާއްވައިފައެވެ. ނަމަވެސް ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ އެ އަމުރު ތަންފީޒު ނުކުރާނެ ކަމަށް ބުނެފައެވެ. އަދި އެއާއެކު ރައީސް ވަނީ މިމަހުގެ ފަސްވަނަ ދުވަހު 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނުކޮށްފައެވެ.

އަދި އޭގެ ފަހުން މިދިޔަ އަންގާރު ދުވަހުގެ ރޭ ދަންވަރު ސިފައިން ވަނީ ސުޕްރީމް ކޯޓަށް ވަދެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައެވެ. އެ ދެ ބޭފުޅުންގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެ އިސްވެރިޔާ ހަސަން ސައީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

އެ ދެ ބޭފުޅުން ހައްޔަރުކުރިފަހުން ސުޕްރީމް ކޯޓުން ވަނީ ސިޔާސީ ލީޑަރުން މިނިވަންކުރަން ކުރި އަމުރު ބާތިލް ކޮށްފައެވެ.