ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލު ސަލްމާން ހާންގެ ޅިޔަނު އާޔުޝް ޝަރްމާ ބޮލީވުޑަށް ނުކުންނަ ފިލްމު "ލަވްރާތުރީ"ގެ އަންހެން ލީޑުގައި ވެސް ހަރަކާތްތެރިވާނީ އާ ބަތަލާއެއް ކަމަށް އެ ޓީމުން ބުނެފިއެވެ.

"އަހަރެންނަށް އަންހެން ކުއްޖަކު ލިބިއްޖެ،" ސަލްމާން ކުރި ޓްވީޓުގައި ބުނެފައިވެއެވެ. ސަލްމާންގެ ޓްވީޓާ އެކު ގިނަ ބައެއްގެ ހައިރާންކަން ލިބުނު އިރު ބައެއް މީހުން ވަނީ ސަލްމާނަށް މަރުހަބާ ކިޔާފައިއެވެ.

އޭގެ އިރުކޮޅެއް ފަހުން ސަލްމާން އަނެއްކާވެސް ޓްވީޓެއް ކުރިއެވެ. އެ ޓްވީޓުން އެ އަންހެން ކުއްޖަކީ ކޮން ކުއްޖެއްކަން ހާމަވެގެންދިޔައެވެ.

"ހާސްވާންވީ އެއްވެސް ކަމެއް ނެތް. ލަވްރާތުރީގެ އަންހެން ލީޑަށް އާ ބަތަލާ އެއް ލިބުނީ،" ސަލްމާން ބުނެފައިވެއެވެ.

ފިލްމުގެ އަންހެން ލީޑަށް ހަމަޖައްސާފައި ވަނީ ވަރީނާ ހުސައިނެވެ. އިރާގުގެ ބައްޕަ އަކާއި އަފްގާން މަންމަ އަކަށް ލިބުނު ހުރި ހަމައެކަނި ކުއްޖާ ވަރީނާ އަކީ މޮޑެލް ކުރަން ދަންނަ ކުޅަދާނަ އަންހެން ކުއްޖެކެވެ. އޭނާ އަކީ ނިއުޔޯކް ފިލްމް އެކަޑަމީގެ ގްރެޖުއޭޓެއް ވެސް މެއެވެ.

ވަރީނާ ބުނީ އޭނާ އަބަދުވެސް ފިލްމު ކުޅޭ ހިތްވާ ކަމަށާއި އަބަދުވެސް ބޭނުންވަނީ ހޮލީވުޑަށް ވުރެ ބޮލީވުޑްގައި މަސައްކަތް ކުރުމަށެވެ.

އަބީރާޖް މީނާވާލާ ޑައިރެކްޓްކުރާ އެެ ފިލްމުގެ ޝޫޓިން މި މަހު ފެށުމަށް ހަމަޖެހިފައިވާއިރު ޓީމުން ބުނަނީ ފިލްމު އަހަރުގެ ފަހުކޮޅު ރިލީޒްކުރެވޭނެކަމަށެވެ.