ރެފްރީންނަށް އޮޅުވާލުމާއި މަކަރު ހެދުމަކީ ފުޓުބޯޅައިގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ޓޮޓެންހަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ.

މިދިޔަ ހަފްތާގައި ޓޮޓެންހަމްއިން ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗުގައ،ި މިޑްފީލްޑަރު ޑެލީ އަލީ ޑައިވް ކުރުމުން ރެފްރީވަނީ ރީނދޫ ކާޑު ދައްކައިފައިވާއިރު، ޕޮޗެޓީނޯވަނީ އޭނާގެ އަމަލު ދިފާއުކޮށްފައެވެ.

ޕޮޗެޓީނޯ ބުނީ ރެފްރީގެ ކާޑަކީ ޑެލީ އަލީއަށް ހައްގު ކާޑެއް ނަމަވެސް މިފަދަ ކުދިކުދި ކަންކަމުގެ ވާހަކަ ދައްކަން ނުޖެހޭ ވަރަށް މީޑިއާ އަދި އެހެނިހެން ޕްލެޓްފޯމްތަކުގައިވެސް ދައްކަމުން އަންނަ ކަމަށެވެ. އަދި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި މިފަދަ ކުދިކުދި ކަންކަން ބަލާ މެޗުތައް ހުއްޓުވަން ވެއްޖެނަމަ، އަހަރެމެން ބަލާ ހިތުން ބަލަމުން އަންނަ ފުޓުބޯޅަ ގެއްލިދާނެ ކަމަށްވެސް ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ ބުނީ އިނގިރޭސިވިލާތުގެ މީހުން ގަބޫލުކުރާ ގޮތުން ކުޅުންތެރިން ވާންވީ ފުރިހަމަ ކުޅުންތެރިންނަށް ކަމަށާއި، ރެފްރީން އަތުންވެސް އެއްވެސް ނިންމުމެއް ގޯސްކޮށް ގޮސްފިނަމަ އެވާހަކަ ނޫން ވާހަކައެއް ދެން ނުދައްކާ ކަމަށެވެ. 10 މަހުގެ ސީޒަނެއް ނިމިގެންދާއިރު، ބައެއް ނިންމުންތައް އަންނަނީ އެއްކޮޅަށް ކަމަށާއި އަނެއްބައި ނިންމުންތައް ދެކޮޅަށްވެސް ދާނެ ކަމަށް ޕޮޗެޓީނޯ ބުންޏެވެ.

ޕޮޗެޓީނޯ ބުނީ ޑެލީ އަލީއަކީ ފުޓުބޯޅައިގެ ވިސްނުން ރަނގަޅު، ދަނޑު މަތީގައި ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި، އޭނާ ޑައިވްކޮށް ކާޑު ހޯދުމަކީ އެކަމުގެ ވާހަކަ ދައްކަން ޖެހޭވަރު ކަމެއް ނޫން ކަމަށެވެ. އަދި ފުޓުބޯޅައަކީ މި ހުރިހާ ވިސްނުމެއް ނެތި ނުކުޅެވޭނެ ކުޅިވަރެއް ކަމަށާއި، ފުޓުބޯޅައިގެ 'ޓެކްޓިކްސް' މާނަ ކުރެވޭ ގޮތަކީ މިއީ ކަމަށެވެ.

އިނގިރޭސި ފުޓުބޯޅައިގައި ޑައިވް ކުރުމުގެ އަދަބު މި ސީޒަނަށްވެސް ވަނީ ބޮޑުކޮށްފައެވެ. ސީޒަން ފެށުމުގެ ކުރިން އިނގިރޭސި އެފްއޭއިން ބުނެފައިވަނީ ޑައިވް ކުރުމުގެ އަދަބެއްގެ ގޮތުގައި ރަތް ކާޑުގެ އިތުރުން ސަސްޕެންޝަންވެސް މިހާރު އަންނާނެ ކަމަށެވެ.