ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަހާއި ގުޅޭ ފަހުގެ މައުލޫމާތު ރާއްޖޭން ބޭރުގެ ގައުމުތަކާ ހިއްސާ ކުރެއްވުމަށް ރައީސްގެ ހާއްސަ މަންދޫބުންގެ ގޮތުގައި ސަރުކާރުގެ ބައެއް ވަޒީރުން ތިން ގައުމަކަށް ވަޑައިގެންފި އެވެ.

ރާއްޖެއަށް މިފަހުން އައި ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ބައެއް ގައުމުތަކުން ވަނީ އެގައުމުތަކުގެ ރައްޔިތުން ރާއްޖެ އައުމުގައި ސަމާލުވުމަށް އަންގައި ޓްރެވަލް އެޑްވައިޒަރީ ނެރެފަ އެވެ.

އޭގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާ އާއި ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު އެންމެ ބާރަށް އިތުރުވަމުން އަންނަ އިންޑިއާގެ ފަތުރުވެރިން ވެސް ރާއްޖެ އައުމުގައި ސަމާލުވުމަށް ވަނީ އަންގަައިފަ އެވެ.

ޗައިނާ އަދި އިންޑިއާގެ އިތުރުން އިނގިރޭސި ވިލާތް، ކެނެޑާ، ރަޝިއާ ފަދަ ޔޫރަޕްގެ ބޮޑެތި ގައުމުތަކުން ވެސް ވަނީ އެފަދަ ޓްރެވަލް އެޑްވައިޒަރީތަކެއް ނެރެފައެވެ.

ރައީސް އޮފީހުން ބުނީ، ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސްގެ ހާއްސަ މަންދޫބުންގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ރޭ ރާއްޖޭން ބޭރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު ސައީދު، ޗައިނާއަށް ވަޑައިގެންނެވިއިރު އާސިމް ވަޑައިގެންނެވީ ޕާކިސްތާނަށެވެ. އަދި މިއަދު ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގެންފައެވެ.

ނަމަވެސް ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން އެންމެ ބޮޑު ކަންބޮޑުވުމެއް އުފެދުނު އަދި ރާއްޖެއާ ޒަމާނުއްސުރެ ގުޅުން ބާއްވަމުން އަންނަ އަވަށްޓެރި އިންޑިއާ އަކަށް އެއްވެސް މިނިސްޓަރަކު ސަރުކާރުން ފޮނުއްވައިފަ އެއް ނުވެއެވެ.