08 Feb 2018, 13:55
ރާއްޖޭގެ ސިޔާސީ ހާލަތު ބަލާލުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ގައުމުތަކުގެ ސަފީރުން ހިމެނޭ ވަފުދެއް ރާއްޖެ އަތުވެއްޖެ އެވެ.
ޔޫކޭ އަދި ޖަރުމަނުގެ ސަފީރުންވެސް ހިމެނޭ އެ ވަފުދު މިއަދު ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކާ ބައްދަލުކޮށްފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ފަރާތުން އެމްޑީޕީގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އަދި، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުވެސް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފަ އެވެ.
މައުލޫމާތު ލިބޭގޮތުން އެ ވަފުދުގެ ބޭފުޅުން ސަރުކާރާވެސް ބައަދަލު ކުރައްވާނެ އެވެ.
އީޔޫގެ ވަފުދެއް ރާއްޖެ އައިސްފައިވާ އިރު ވަރަށް ގިނަ ގައުމުތަކުން ވަނީ ރާއްޖޭގެ ސިޔާސީ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އޭގެ ތެރޭގައި އިގިރޭސި ވިލާތް، އެމެރިކާ، އޮސްޓްރޭލިއާ، ޔޫކޭ، އިންޑިއާ، ސްރީލަންކާވެސް ހިމެނެ އެވެ.