11 Feb 2018, 12:00
މިދިޔަ ސީޒަންގެ މާލޭ ލީގުގައިވެސް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ކުޅުނު އަލީ ސާމިސް (ތޮއްޕެ) އަލުން އެކްލަބާ ގުޅިއްޖެއެވެ.
މިދިޔަ އަހަރުގެ މާލޭ ލީގުގެ ގަދަ ހަތަރެއްގެ ޖާގަ ވިކްޓަރީއަށް ގެއްލުމުން ދިވެހި ޕްރިމިއާ ލީގުގައި ކުޅުމަށް ތޮއްޕެ ގުޅުނީ ކްލަބު ގްރީން ސްޓްރީޓްސްއާއެވެ.
މިދިޔަ އަހަރަކީ ފުރަތަމަ ޑިވިޝަންގެ ފުޓުބޯޅައަށް ތޮއްޕެ ތައާރަފުވި އަހަރެވެ. ތޮއްޕެގެ ފުރަތަމަ ސީޒަންގައިވެސް ކޯޗު އަލީ ސުޒޭނާއި ސޮބާހު މުހައްމަދު (ސޮބާ) ފަދަ ކޯޗުން އޭނާގެ ކުޅުމަށް ތައުރީފުކޮށްފައިވެއެވެ. ތޮއްޕެއަކީ މިހާރު ރާއްޖޭގައި ކުރިއަރަމުންދާ ޑިފެންޑަރުންގެ ތެރޭގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.
ޒުވާން ޑިފެންޑަރު ތޮއްޕެއަކީ އަތޮޅު ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އުފަން ރަށް ލ. ގަމު ޓީމާއެކު މިނިވަން ޗެމްޕިއަންޝިޕް މުބާރާތުގެ ޒޯން ބުރުވެސް ކުޅެފައިވާ ތޮއްޕެ ފާހަގަކުރެވެނީ ފިޒިކަލީ ގޮތުން ވަރުގަދަ ކުޅުންތެރިއެއްގެ ގޮތުގައެވެ.
މިފެށޭ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވިކްޓަރީއަށް ސޮއިކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ)އާއި ކީޕަރު އަބްދުﷲ ޒިޔަޒަން އަދި މުހައްމަދު އިމްރާން (ކުޑަ އިންމަ) ހިމެނެއެވެ. އަދި މީގެ އިތުރުން މިދިޔަ ސީޒަންގައި ޓީސީގެ ކެޕްޓަން ބޭންޑް އެޅި އަލީ ނާފިއުއާއި ކްލަބު ގްރީން ސްޓްރީޓްސްއަށް މާލޭ ލީގުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ރަޝީދު (އަންމަޑޭ) ވެސް ފާހަގަކޮށްލެވެއެވެ. މިދިޔަ ހަފްތާގެ ތެރޭގައި އަހުމަދު ނާޝިދު (ނައްޓޭ) ވެސް ވަނީ ވިކްޓަރީއާ ގުޅިފައެވެ.
މިސީޒަންގައިވެސް ވިކްޓަރީއަށް އިރުޝާދު ދޭނީ ކުރިންވެސް އެ ކްލަބުގެ ކޯޗުކަންކުރި ހަންގޭރީގެ ލާޒްލޯ ކިސްއެވެ.