ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން އިއުލާނު ކުރި މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ މިއަދު 11:37ގައި އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވެފައިވާ ކަމަށެވެ.

އިލްހާމް ހޯދަން ފުލުހުން އިއުލާނު ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

އިލްހާމް ހޯދަމުން ދަނީ ސަރުކާރު ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ބޭރުގައި އުޅުއްވުމަށް ފަހު އިލްހާމާއި މައްޗަން ގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން މާލެ ވަޑައިގަތީ މި މަހުގެ އެއް ވަނަ ދުވަހުގެ ރޭ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.

ޖެހިގެން އައި ހޮނިހިރު ދުވަހު އެ ދެ މެންބަރުން މާލެ ވަޑައިގަތުމާ އެކު އެއާޕޯޓުން ފުލުހުން ވަނީ އެ ދެ ބޭފުޅުން ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފަ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ވަނީ އެ ދެ މެންބަރުން މިނިވަންކޮށްފަ އެވެ.