15 Feb 2018, 23:17
މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް އާއިލީ ބައްދަލުވުމުގެ ފުރުސަތު ނުދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ނިންމާފައިވާކަމަށް އަދާލަތު ޕާޓީ އިން ބުނެފިއެވެ.
އެޕާޓީގެ މީޑިއާ ކޮމެޓީގެ ޗެއާ، އަލީ ނަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮނިހިރު ދުވަހަށް ތާވަލްކޮށްފައިވާ ޝައިޚް އިމްރާނުގެ އާއިލީ ބައްދަލުވުން ކެންސަލްކޮށްފައިވާކަމަށް ކަރެކްޝަންސް އިން އަންގާފައިވާ ކަމަށެވެ. އަދި ވަކި އެއްޗެއް އަންގަންދެން އިތުރު ބައްދަލުވުންތަކަށް ރިކުއެސްޓު ނުކުރަން އާއިލާ އަށް އަންގާފައިވާކަމަށްވެސް އަލީ ނަޒީރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާނު ޖަލަށް ލާފައިވަނީ 2015 މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާ އާއި ގުޅިގެންނެވެ. އިމްރާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 12 އަހަރުގެ ޖަލުހުކުމެއް ވަނީ އިއްވައިފައެވެ.
ޝައިޚް އިމްރާނުގެ އާއިލީ ބައްދަލުވުންތައް ކެންސަލު ކުރިކަމަށް އަދާލަތު ޕާޓީ އިން ބުނެފައިވާއިރު އެކަމާ ގުޅިގެން ކަރެކްޝަންސްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.
Family visit scheduled by@CorrectionsMvfor the president of the#Adhaalthparty Sheikh Imran Abdulla for the coming Saturday (17/2/18) has been cancelled & urged the family to abstain from filing more requests to meet him until further notice.#MaldivesInCrisispic.twitter.com/r6xttOR98A
— Ali Nazeer (@alynazeer)February 15, 2018