18 Feb 2018, 01:04
ވެރިމީހާ ކިބައިން ކުފުރު ފާޅުގައި ނުފެންނަނަމަ އޭނާ ޚުރޫޖް ކުރުން ނުވަތަ މަގާމުން ދުރުކުރުން ހުއްދަ ނޫން ކަމަށް ޖަމިއްޔަތުލް ސަލަފުން ބުނެފިއެވެ.
ސަލަފްގެ ރައީސް އަބްދުﷲ ބިން ޖަނާބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ "ވަލިއްޔުލް އަމުރާމެދު އަހުލުސުންނަތު ވަލް ޖަމާއަތުގެ އަގީދާއަކީ ގަދަ ކީރިތިވަންތަ ﷲ އަށް އުރެދުމަކަށް ނުވާ ކޮންމެ ކަމެއްގައި ވަލިއްޔުލް އަމުރުގެ އަމުރަށް ތަބާވުން" ކަމަށެވެ
ސަލަފުން މިހެން ބުނެފައިވާއިރު ހާކިމާއަށް ކިޔަމަށް ގަތުމަކީ އެ ގައުމެއްގެ ރައްޔިތުންނަށް ވާޖިބު ކުރައްވާފައިވާ ކަމެއްކަމަށާއި ހާކިމާއަށް އިހާނެތިކޮށް ހިތުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކުރައްވާފައިވާ ކަމެއްކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
WALIYYUL AMRU aa medhu Ahlussunath wal jamaa athge Àqeedhā akee; Gadhakeerithiwantha Allah ah Uredhumakah nuwaa kommme kameggai waliyyul amruge amurah thabaawun.
EynāgeKibain Kufuru Faalhuga nufennahā hidhaku eynā ge macchah khurooj HuddhaNUWUN.
@JamiyyathSalaf— Abdullah bin janaab (@binjanaab)February 17, 2018
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައި ވަނީ، ގައުމެއްގައި ހާކިމަކު ލައްވާފައިވާ ހުރުމަކީ އެ ގައުމަށް ﷲ ދެއްވި ނިއުމަތެއް ކަމަށެވެ. އޭނާގެ ސަބަބުން ދީން ރައްކާތެރި ކުރެވޭ ކަމަށާއި ހާކިމާގެ ބަހުގެ ސަބަބުން ގައުމުގެ ފިކުރު އެއްގޮތް ވެގެންދާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.
ހަމައެއާއެކު، ހާކިމާގެ ވެރިކަމުގެ ދަށުގައި ގައުމު ސަފުތައް އެއްބައިވެގެންދާނެ ކަމަށާއި އޭނާ ހުރުމުން ގައުމެއް ދިރި، ކުރިއަރާ ދާނެ ކަމަށް ވެސް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ހާކިމާގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ލިބި ރައްކާތެރިވެގެންދާ ކަމަށާއި އެ ކަންތައްތަކުގެ ސަބަބުން ގައުމުގެ ހާކިމާއަށް ކިޔަމަން ގަތުމަކީ ވާޖިބުވެގެންވާ ކަމެއްކަމަށެވެ.
ވެރިންނަށް އެއްޗެހި ގޮވުމަކީ ދީން ހުއްދަ ކުރާ ކަމެއް ނޫންކަމަށާއި އެ މީހުންގެ މައްޗަށް ބަދު ދުއާ ކުރުމަކީ ދީން މަނާ ކުރާ ކަމެއްކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ހާކިމާއަށް ނަސޭހަތެއްދޭން ބޭނުންވާ މީހާއަށް އެކަން ކުރަން ޖެހޭނީ ރިވެތިގޮތުގައި ކަމަށެވެ. އަދި ނަސޭހަތްދޭންވާނީ އޭނާގެ އިއްޒަތަށާއި ކަރާމާތަށް އުނި ކަމެއް ނުލިބޭ ފަދަ ގޮތަކަށް ރިވެތި ބަހުން ކަމަށެވެ.
މާތް ﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ހާކިމާގެ ނިއުމަތަކީ ބޮޑު އަމާނާތެއް ކަމަށާއި އެ ނިއުމަތަށް ރައްކާތެރިވާން ޖެހޭ އަގުބޮޑު ނިއުމަތެއް ކަމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އިއްވި ހުތުބާގައި ބުނެފައިވެއެވެ.