އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފްތާ ބަންދުގައި މާލެއާއި އަތޮޅުތެރޭގައި ކުރި މުޒާހަރާތަކާ ގުޅިގެން މިވަގުތު ހައްޔަރުގައި ތިބީ ހަ މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އެހެން ބުނެ މިއަދު ކުރި ޓްވީޓެއްގައި ބުނީ، މުޒާހަރާ ކޮށްގެން ފުލުހުންގެ ބެލުމުގެދަށުގައި ގިނަ ބަޔަކު ތިބި ކަމަށް ބުނެ ހިއްސާ ކުރަމުންދަނީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ.

އެގޮތުން މިދިޔަ ހުކުރު އަދި ހޮނިހިރުގައި ކުރި މުޒާހަރާއާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ތިބީ ހަ ފިރިހެނުން ކަމަށް ފުލުހުން ބުނެއެވެ. އަދި އެ އެންމެން ވެސް ހައްޔަރުގައި ތިބީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ކަމަށް ބުނެފައިވެ އެވެ.

ނަމަވެސް މުޒާހަރާތަކާ ގުޅިގެން ހައްޔަރު ކުރީ ޖުމްލަ ކިތައް މީހުން ކަމެއް އަދި އެމީހުންގެ މުއްދަތު ޖެހި ކަމެއް ވެސް ފުލުހުންގެ ޓްވީޓުގައި ބުނެފައެއް ނުވެއެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފު ކުރުމަށް ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އިތުރު މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާނަށް ގުޅުމުން ވިދާޅުވީ ފަހުން ގުޅުއްވާނެ ކަމަށެވެ.