19 Feb 2018, 14:34
ގާނޫނު އަސާސީގައި ބުނެފައިވާ ކޯރަމް ހަމަ ނުކޮށް މިއަދު ޖަލްސާ ބާއްވާ ކަމަށް ބުނެ އިދިކޮޅު މެމްބަރުން ރުޅިގަނޑު ސޯޝިއަލް މީޑިއާއަށް ބަންޑުން ކޮށްލި އެވެ. އެބޭފުޅުން ހަވާލާދެނީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) އަށެވެ.
އެމާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުން އެމައްޗަށް އަމަލުކުރުން ލާޒިމުކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ޓަކައި ވޯޓަށް އަހަންވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ވޯޓު ނަގާ ޖަލްސާގައި ހާޒިރުވެ ތިބި ނަމަ އެވެ.
މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 85 މެމްބަރުންނެވެ. ދެބައިކުޅަ އެއްބައި ވޯޓު ނަގާ މަޖިލީހެއްގައި ހާޒިރުވެ ތިބެން ޖެހޭ ނަމަ 43 މެމްބަރުން ޖަލްސާއަށް ހާޒިރުވެ ތިބެން ޖެހޭނެ އެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުން 43 މެމްބަރުން ހާޒިރުނުވާ ޖަލްސާއެއްގައި ގާނޫނެއް ނުވަތަ ރައްޔިތުން އެޔަކަށް އަމަލުކުރަން ޖެހޭ ކަމެއް ފާސްކޮށްގެން އެ ސައްހައެއް ނުވާނެ އެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކޮށް އަދި މުއްދަތު އިތުރު ކުރި ނަމަވެސް ސައްހަ ނުވާނެ ކަމަށް އެބޭފުޅުން ވިދާޅުވި އެވެ. މިއަދުގެ ޖަލްސާއަށް ހާޒިރުވީ 39 މެމްބަރުންނެވެ.
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު 'ސަން' އަށް ވިދާޅުވީ މިއަދު މަޖިލީހުން ބޭއްވީ އާންމުކޮށް މަޖިލީހަށް ހުށަހަޅާ ކަމެއް ބަލައިގަތުމަށް ބޭއްވި ޖަލްސާއެއް ކަމަށެވެ. އަދި އެއީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބުނާ ފަދަ ނިންމުމެއް ނިންމަން ބޭއްވި ޖަލްސާއެއް ނޫން ކަމަށް ނިހާން ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ފާސްކުރާއިރު ނުވަތަ ބަަދަލެއް ގެނެސް މުއްދަތު އިތުރުކޮށް މަޖިލީހުން ފާސްކުރާ އިރު 43 މެމްބަރުން މަޖިލީހުގައި ހާޒިރުވެ ތިބެން ޖެހޭނެކަން ނިހާން ގަބޫލުފުޅު ކުރައްވަ އެވެ.
"ގަރާރު ކޮމިޓީން ނިންމައި މަޖިލީހަށް ހުށަހަޅައިގެން ފާސްކުރާއިރު 43 މެމްބަރުން މަޖިލީހުގެ ތަޅުމުގައި ތިބޭނެ،" ނިހާން ވިދާޅުވި އެވެ.
ނިހާން އެހެން ވިދާޅުވި ނަމަވެސް އިދިކޮޅު މެމްބަރުން މިއަދު ޖަލްސާ ބޮއިކޮޓް ކޮށްފައި ވާތީ 43 މެމްބަރުން އެބޭފުޅުން ހަމަ ކުރަނީ ކޮން ފޯމިއުލާއަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.
އިދިކޮޅު މެމްބަރުން ޔަގީންކަންދޭ ގޮތުން އިދިކޮޅުގެ އެއްވެސް މެމްބަރަކު މަޖިލީހުގެ ގަރާރު ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމުން ފާސްކުރާ ޖަލްސާއަކަށް ވެސް ނުދާނެ އެވެ. އަދި މެމްބަރުންނަށް ޕީޕީއެމްގެ މެމްބަރުން ގުޅި ކަމަށް މައިނޯރިޓީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވީ މެމްބަރުންގެ ގޮނޑިތަކެއް ގެއްލުނު ނަމަވެސް ނުގެއްލުނު ނަމަވެސް މަޖިލީހުގެ މެމްބަރުން ތިބެން ޖެހޭ ޖުމްލަ އަދަދުގެ ދެބައިކޮށްފައި އެއްބަޔަށް ވުރެ ގިނަ މެމްބަރުން ރައްޔިތުން އަމަލު ކުރަން ޖެހޭ ކަމެއްގައި ވޯޓަށް އަހާއިރު މަޖިލީހަށް ހާޒިރުވެ ތިބެންޖެހޭ ކަމަށެވެ.
"ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަކީ ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރަން ޖެހޭ ގަރާރެއް އެހެންވީމަ ކޮންމެ ހާލަތެއްގައި ވެސް މަޖިލީހުގެ ދެބައިކޮށްފައި އެއްބައި މަމްބަރުންނަށް ވުރެ ގިނަ މެމްބަރުން މަޖިލީހުގައި ހާޒިރުވެ ތިބެން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި އެއޮތީ ވަރަށް ސާފުކޮށް ބުނެފައި،" މުއިއްޒު ވިދާޅުވި އެވެ.
ގަނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ރައްޔިތުން އެކަމެއްގެ މައްޗަށް އަމަލުކުރަން ޖެހޭ ކަމެއްގައި 43 މެމްބަރުން ނެތި ވޯޓަށް ނޭހޭނެ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުންގެ އަދަދަކީ 85 ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު އެ އަދަދުގެ ދެބައިކޮށްފައި އެއްބަޔަކަށް ވަނީ 43 ކަމަށް ވިދާޅުވި އެވެ.
"މިއަދު މަޖިލީހަށް ހުށަހެޅިފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަކީ ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރަން ޖެހޭ އެއްޗެއް. އެހެންވީމާ 43 މެމްބަރުން ހާޒިރު ނުވަނީސް ވޯޓަށް އެހުމަކީ ކުރެވޭނެ ކަމެއް ނޫން،" މަހުފޫޒު ވިދާޅުވި އެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވަނީ މަޖިލީޙުގެ މިއަދުގެ ޖަލްސާ ސައްހަ ނުވާނެ ކަމަށެވެ. އެއީ 43 މެމްބަރުން ހަމަ ނުވާތީ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ މެންބަރުން ވިދާޅުވަނީ ރައްޔިތުން އަމަލުކުރަން ޖެހޭނީ ކޮމެޓީ އިން ފާސްކޮށް، ތަޅުމުން ފާސް ކުރުމަށް ފަހު ކަމަށެވެ.
ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުން ރައްޔިތުން އަމަލު ކުރަން ޖެހޭ ގާނޫނުތަކުގެ ގޮތުގައި ދާދިފަހުން މަޖިލީހުން ފާސްކުރި ދައުލަތުގެ ބަޖެޓާއި ފްރީ ޓްރޭޑް އެގްރިމެންޓެއް ނުހިމެނޭނެ އެވެ.