ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާދެއްވި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި މޮބައިލް ފޯނު މެދުވެރިކޮށް މަޖިލީހުގެ ރައީސް މަސީހު ވިދާޅުވީ އޭނާ ހުންނެވީ ދިވެހި ޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މިވަގުތުވެސް ސާބިތު ކަމާއެކު ކަމަށާއި އޭނާ އިސްތިއުފާދެއްވި ކަމަށް ބުނެ ފަތުރާފައި ވަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

"އަޅުގަނޑު މިހުރީ ދިވެހި ޖުމްހޫރިއްޔާގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި މިވަގުތުވެސް ސާބިތު ކަމާއެކު. އަދި ދިވެހި ސަރުކާރާއެކު ގައުމީ މަސައްކަތުގައި. މިވަގުތުވެސް އަޅުގަނޑު މަގާމުން އިސްތިއުފާއެއް ނުދެން، ފަތުރާލާފައި ވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް. މިވަގުތުން އަޅުގަނޑު މި މަސައްކަތް ކުރާނީ ދައުރުން ބޭރުގެ ޖަލްސާ މާދަމާވެސް ބޭއްވުމުގެ މަސައްކަތް،" މަސީހު ވިދާޅުވިއެވެ.

މަސީހު އިސްތިއުފާދެއްވި ކަމަށް މީސް މީޑިއާގައި ފަތުރާފައި ވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް ރިޔާސަތު ދޫކުރައްވައި މަސީހު ނުކުމެވަޑައިގަތުމުންނެވެ. ދެން ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް ރީކޯ މޫސާ މަނިކެވެ.

އެކަމާ ގުޅިގެން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރިޔާސަތު ދޫކުރައްވައި މަސީހު ވަޑައިގަތީ ޕީޕީއެމްގެ ލީޑަޝިޕްގެ ބައްދަލުވުމަކަށް ކަމަށެވެ.

"އަޅުގަނޑު މެސެޖް ކުރީ ބައްދަލުވުމަކަށް ވަޑައިގަތުމަށް. އެހެންވެ ރިޔާސަތު ދޫކުރައްވާ އެމަނިކުފާނު ނިކުމެވަޑައިގަތީ،" ނިހާން ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެޕާޓީގެ ސަފުތައް ވަރަށް ބަދަހި ކަމަށާއި ޕާލަމެންޓްރީ ގްރޫޕް ވެސް އޮތީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއެކު ސާބިތުވެ ކަމަށެވެ.