މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަނުގެ ރަނައަޕް ހަމޫދު އަހުމަދުގެ އަމިއްލަ ލަވައެއް މިއަދު ރިލީޒް ކޮށްފިއެވެ.

ސަން އާ ވާހަކަ ދައްކަމުން ހަމޫދު ބުނީ މިއީ އޭނާގެ ފުރަތަމަ އަމިއްލަ ލަވަ ކަމަށެވެ.

"މީގެ ކުރިން މުޅިން ވެސް ހުންނާނީ ފިލްމުތަކަށް ލަވަކިޔާފައި،" ޒުވާން ލަވަކިޔުންތެރިޔާ ބުންޏެވެ.

ހަމޫދު ބުނީ މިއަދުން ފެށިގެން ލަވަ ފޮށިން އެ ލަވަ އަޑުއަހާލެވޭނެ ކަމަށެވެ.

"ލަވައިގެ ނަމަކީ ރޮއްވާފައިނުދޭ. މިއީ ސޭޑް ސޯންގެއް. ފުރަތަމަ މި ނެރުނީ އޯޑިއޯ. އޯޑިއޯ ލަވަފޮށިން އަޑުއެހޭނެ،" ލަވައިގެ ވިޑިއޯ ވެސް އަވަސް މުސްތަގުބަލެއްގައި ފެންނާނެ ކަމަށް އޭނާ ބުންޏެވެ.

"ވީޑިއޯ އިން ހަމޫދު ވެސް ފެންނާނެ."

ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ފިލްމު ބޮސްގައި ވެސް ހަމޫދުގެ އަޑުން ކިޔާފައިވާ ލަވައެއް ހިމެނުނެވެ. އަންނަ މަހު ރިލީޒްކުރާ ވަކިން ލޯބިންގައި ވެސް ހަމޫދުގެ ލަވައެއް ހިމެނެ އެވެ.