21 Feb 2018, 22:28
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެށުމުގެ ގޮތުން މިރޭ ބާއްވާ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅު ޕާޓީތަކުން ދޭނެ ޖަވާބެއް ނޯންނާނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެއްޖެ އެވެ.
މިރޭ ބޭއްވި ޖަލްސާ އިދިކޮޅު މެމްބަރުން ވަނީ ބޮއިކޮޓް ކޮށްފަ އެވެ. އިދިކޮޅު މެމްބަރުން ވިދާޅުވެފައިވަނީ އެއީ ޣައިރު ގާނޫނީ ޖަލްސާއެއް ކަމަށެވެ.
މިރޭ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފު ވިދާޅުވީ މިރޭ ބޭއްވި ޖަލްސާއަކީ މަޖިލީހުގެ 14 މެމްބަރަކަށް ނުވަދެވޭ ގޮތަށް ގާނޫނުއަސާސީއާ ހިލާފަށް ބޭއްވި ޖަލްސާއެއް ކަމަށެވެ. އެހެންކަމުން ގާނޫނާ ހިލާފަށް ބާއްވާ ޖަލްސާއެއްގައި އިއްވާ ރިޔާސީ ބަޔާނަކަށް ދޭނެ ޖަވާބެއް ނޯންނާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުމުން އެއަށް ދޭނެ ޖަވާބެއް އިދިކޮޅު ޕާޓީން ތައްޔާރުކޮށް އެޕާޓީއެއްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މަޖިލީހަށް ޖަވާބު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އަދި މަޖިލީހުގެ ޖަލްސާއެއްގައި އެ ބަޔާން އިއްވަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. ހަމައެއާ އެކު 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބާއްވައި އެ ޖަލްސާގައި ޖަވާބު ހުށަހެޅުމަށްވެސް މަޖިލިސް ގަވާއިދުގެ 25 ވަނަ މާއްދާގެ (ބ) ގައި ވަނީ ބުނެފަ އެވެ.