ބެއިޖިން (ފެބްރުއަރީ 25): ޗައިނާގެ ރައީސަށާއި ނައިބު ރައީސަށް ވެރިކަން ކުރެވޭނީ ޖެހިޖެހިގެން ދެ ދައުރަށް ކަމަށް ކަނޑައަޅާ މާއްދާ އެގައުމުގެ ގާނޫނު އަސާސީން އުނިކުރަން ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ (ސީޕީސީ)ން ހުށަހަޅައިފި އެވެ.

ޗައިނާގެ ގާނޫނު އަސާސީގައިވާ ގޮތުން އެގައުމުގެ ރައީސަށާއި ނައިބު ރައީސަށް ވެރިކަން ކުރެވޭނީ ފަސް އަހަރުގެ ދެ ދައުރަށެވެ. އަދި އެގައުމުގެ މިހާރުގެ ރައީސް ޝީ ޖިންޕިން ވަނީ މިދިޔަ އަހަރު އެގައުމުގެ ވެރިކަން ކުރާ ޕާޓީގެ ލީޑަރަކަށް ދެ ވަނަ ފަހަރަށް އައްޔަންކޮށްފައި އެވެ.

އެހެންކަމުން އަންނަ މަހު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް ފެއްޓުމުން ރައީސް ޝީ ރަސްމީ ގޮތެއްގައި ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިހާބު ކުރާނެ އެވެ. އަދި ސީޕީސީން ހުށަހެޅި އިސްލާހުތައް މަޖިލީހަށް ހުށަހަޅާނެ އެވެ.

އެއިސްލާހުތައް ފާސްކޮށްފި ނަމަ ރައީސް ޝީއަށް 2023 ވަނަ އަހަރުގެ ފަހުންވެސް ޗައިނާގެ ރައީސްކަމުގައި ހުންނެވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެގައުމުގައި ބޭއްވި ކޮމިއުނިސްޓް ޕާޓީ ކޮންގްރެސްގައި ރައީސް ޝީގެ ސިޔާސީ ވިސްނުންފުޅު ވަނީ އެޕާޓީގެ ގާނޫނު އަސާސީގައި ހިމަނަން ފާސްކޮށްފައެވެ. އޭގެ ސަބަބުން ޝީ ވަނީ ކޮމިއުނިސްޓު ޕާޓީގެ ބާނީ މާއޯ ޒެޑޮންގަށް ފަހު ޗައިނާގައި ވެރިކަން ކުރާ އެންމެ ބާރުގަދަ ލީޑަރަކަށްވެފައި އެވެ. (ރޮއިޓާސް)