ހުޅުމާލެ ފްލެޓެއްގެ ވައިގޮޅިން ވެއްޓުނު ބިދޭސީ މީހާ މަރުވެއްޖެއެވެ.

އިއްޔެ މެންދުރު ކުރީގެެ ވަގުތެއްގައި ހުޅުމާލެ ފަސް ނަންބަރު ފްލެޓުގެ ހަތަރުވަނަ ފަންގިލިލާއިން ވެއްޓުނީ ބިދޭސީ ފިރިހެނެކެވެ.

އޭނާއަށް ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ.

ނަމަވެސް މެންދުރު 1:30 ހާއިރު އިތުރު ފަރުވާއަށް އޭޑީކޭއަށް ވަނީ ބަދަލުކޮށްފައެވެ.

އެ ބިދޭސީ މީހާއަށް ލިބުނު އަނިޔާ ތަކަށް ބަލާއިރު އޭނާގެ ކަނދުރާއަށް ގެއްލުން ވެފައިވާއިރު، މޭ ކަށިގަނޑާއި އަތުގައި ވަނީ ރެނދުލާފައެވެ.

އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު އޮތީ ކޯމާއެއްގައި ކަމަށާއި ގެނައީ އިންކިއުބޭޓު ކޮށްގެން ކަމަށް ހުޅުމާލެ ހޮސްޕިޓަލު ހިންގާ އާސަންދަ ކުންފުނިން އިއްޔެ ވަނީ ބުނެފައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ އެ ބިދޭސީ މީހާ އޭޑީކޭއަށް ގެންދިޔަތާ މާ ގިނައިރުތަކެއް ނުވަނީސް މަރުވެފައިވާ ކަމަށެވެ.