ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކަށް ވަނުމަށް މީޑީއާ ދިއުމުން އެމްއެންޑީއެފްގެ ސެކިއުރިޓީން، މީޑިއާތައް މަޖިލީހަށް ވަނަ ނުދީ ހިފަހައްޓައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ސިއްރުކޮށްގެން ބާއްވާ ކޮމެޓީއެއް ނޫން ނަމަ އެ ކޮމެޓީއަށް މީޑިއާތަކަށް ވަދެވޭނެއެވެ. އަދި މިއަދު އޮތް އެއްވެސް ކޮމެޓީއެއް ސިއްރު ކޮށްފައި ނުވާ ކަމަށް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

މިއަދު 11 ޖަހާއިރު މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއް އޮތް ކަމަށް ބުނެ މީޑިއާތަކަށް ވަނީ ދައުވަތު ވެސް ފޮނުވާފައެވެ. ނަމަވެސް އެ ކޮމެޓީއަށް ވަނުމަށް މީޑިއާތަކުން ދިއުމުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ އެމްއެންޑީއެފްގެ ސެކިއުރިޓީން ބުނެފައިވަނީ 'މީޑިއާތައް ވެއްދުމަށް އަންގާފައި ނުވާ' ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން މަޖިލީހުގެ އިދާރާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅި ނަމަވެސް ފޯނައް ޖަވާބެއް ނުދެއްވާތީ ވަނީ ބަހެއް ލިބޭ ގޮތް ނުވެފައެވެ.

މާލިއްޔަތު ކޮމެޓީގެ އިތުރުން މިއަދު ވަނީ ސަރުކާރުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއާއި ގައުމީ ސަލާމަތުގެ ކޮމެޓީގެ އިތުރުން ޕެޓިޝަން ކޮމެޓީގެ ބައްދަލުވުމެއް ވެސް ބާއްވާފައެވެ.