ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން މަޖިލީހަށް ލަފާދީފިއެވެ.

ސުޕްރީމް ކޯޓުން މިރޭ ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ލަފާގައި ބުނެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ބާއްވާ މަޖިލީހުގެ ޖަލްސާތަކުގައި ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދު ކަމަށްވާ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ހާޒިރުވެ ތިބުމަކީ ދުސްތޫރީ ގޮތުން ލާޒިމްވެގެންވާ ކަމެއް ނޫންކަން އެނގެން އޮންނަ ކަމަށެވެ.

އަދި މި މަހުގެ 20 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ދައުރުން ބޭރުގެ ޚާއްސަ ޖަލްސާގައި، ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރަން ދުސްތޫރީގޮތުން ލާޒިމްވެގެންވާ ގާނޫނީ އަދަދަކީ ގާނޫނު އަސާސީގެ 86 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގާނޫނީ އަދަދުކަން އެނގެން އޮންނަ ކަމަށް ވެސް އެ އަމުރުގައިވެ އެވެ.

އެގޮތަށް އަމުރު ނެރެފައި ވަނީ އެ ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަމަށް އެ އަމުރުގައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުން ލަފަޔަކަށް އެދިފައި ވަނީ، ގަރާރުގައިވާ މުއްދަތައްވުރެ ދިގު މުއްދަތަކަށް ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމަށް ޓަކައި ރައިސުލްޖުމްހޫރިއްޔާ ހުށަހަޅާ ހުށެހެޅުން ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓު ނަގަންވާނީ ގާނޫނު އަސާސީގެ 87 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅުއެއްބަޔަށް ވުރެ ގިނަ މެންބަރުން ހާޒިރުވެތިބޭ ވަގުތެއްގައިތޯ، އެ ސުވާލުކަން އެނގެން އޮންނަ ކަމަށް ލަފާގައިވެ އެވެ.

މިނިވަން މުއައްސަސާތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ހިންގާ "ރަޤާބާ" އާއި އިޝްރާފުގެ އިހްތިސާސް ކަމުގައި ވިއަސް، މިއެންމެހައި އިހްތިސާސްއެއް ރައްޔިތުންގެ މަޖިލީހުން ހިންގަންވާނީ، ރާއްޖޭގެ ގާނޫނުއަސާސީގެ ހުދޫދުގެ ތެރޭގަައި އެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިންކަން ގާނޫނުއަސާސީގެ އަށް ވަނަ މާއްދާއަށް ބެލުމުން ރަނގަޅަށް އެނގެން އޮންނަ ކަމަށް ވެސް ލަފާގައިވެެއެވެ.

ރައްޔިތުން އެމައްޗަށް އަމަލުކުރަން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރަމަށްޓަކައި ވޯޓަށް އެހުން ސައްހަވާނީ އެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ދެބައިކުޅަ އެއްބަަޔަށްވުރެ ގިނަ މެންބަރުން އެ ވޯޓެއްނަގާ ޖަލްސާގައި ހާޒިރުވެތިބޭ ވަގުތެއްގައި ކަމާއި ނޫންނަމަ އެ ވޯޓަކީ ގާނޫނީގޮތުން ސައްހަ ވޯޓެއްގެ ކަމުގައި ނުބެލެވޭނެ ކަމާއި، އެ މަފްހޫމު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާ އިންވެސް ނަގަހައްޓާފައިވާކަން އެނގެން އޮންނަ ކަމަށް ލަފާގައިވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ތަންފީޒު ކުރުމުގެ ގޮތުން ގާނޫނެއް ފާސް ކޮށްފައިވާ ނުވާތީ، ރައްޔިތުންގެ މަޖިލީހުގެ ދެ ބައި ކުޅަ އެއްބައި މެމްބަރުން ތިބެގެން ވޯޓަށް އަހަންޖެހޭ ކަންކަމުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ނުހިމެނޭނެ ކަމަށް ވެސް ލަފާގައިވެ އެވެ.