ރާއްޖޭގައި މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސް އިން ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމެއް އިފްތިތާހުކޮށްފި އެވެ.

މިއަދު އިފްތިތާހު ކުރި އެ ޕްރޮގްރާމާ ބެހޭ ގޮތުން ބީއެމްއެލްގެ ހެޑް އޮފީސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލް ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ޕްރޮގްރާމަކީ ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖްރިބާ ހޯދައި ބޭންކުގެ ދާއިމީ ވަޒީފާއެއް ހޯދުމަށް ލިބިގެންދާނެ ފަހި ފުރުސަތެއް ކަމަށެވެ.

ޝަރީފް ވިދާޅުވީ އެ ޕްރޮގްރާމް ކުރިއަށްގެންދާނީ ބޭންކުގެ "ބީއެމްއެލް ޕްރޮސްޕެކްޓް"ގައި ބައިވެރިވެފައިވާ މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް، 12 މަސް ދުވަހުގެ މުއްދަތައް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓަރު ސަހާ ވަހީދު ވިދާޅުވީ، ގައުމީ ޔުނިވަސިޓީ އާއި ކޮލެޖްތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް މި އިންޓާންޝިޕް ޕްރޮގްރާމް ހުޅުވާލެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"މި ޕްރޮގްރާމްގެ ދަށުން ދަސްވެނިންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ލިބި، ރަނގަޅު އިރުޝާދުތަކެއް ލިބިގެންދާނެ. އަދި ޕްރޮގްރާމް ނިންމާ ފަރާތްތަކަށް ބޭންކުގެ ވަޒީފާ ހޯދުމަށް ފަހި ފުރުސަތެއް މިވަނީ ހުޅުވާލެވިފައި." ސަހާ ވިދާޅުވި އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާ އެކު 20 އަތޮޅުގައި 34 ބްރާންޗު 34 ސެލްފްސާވިސް ބޭންކިންގް ސެންޓަރު، 95 އޭޓީއެމް، 5000 ޕީއޯއެސް މަރޗަންޓުން، 230 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ޚިދުމަތާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.