01 Mar 2018, 10:40
ރާއްޖޭގައި ގާއިމްކުރި ފުރަތަމަ މަލްޓި ސްޕެޝަލިޓީ ހޮސްޕިޓަލް ޓްރީ ޓޮޕް ހޮސްޕިޓަލް ހުޅުވައި ހިދުމަތްދޭން ފަށައިފި އެވެ.
ސަތޭކަ ދިހަ މިލިއަން ޑޮލަރު ހަރަދުކޮށްގެން ހުޅުމާލޭގައި ގާއިމްކޮށްފައިވާ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ތަފާތު 35 ގައުމެއްގެ ތަޖުރިބާކާރު ޑޮކްޓަރުން ފަރުވާ ދެއްވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ދެއްކުމަށް އެޕޮއިންޓްމެންޓު ހެއްދުން ފޯނުން ގުޅައިގެން ކުރިއަށް ގެންދެވޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެ ހޮސްޕިޓަލުގެ ވެބްސައިޓު މެދުވެރިކޮށް ވެސް އެޕޮއިންޓްމެންޓް ހެއްދޭނެ ކަމަށް ޓްރީޓޮޕްގެ މާކެޓިން ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް މެނޭޖާ އިފްތާން މައުމޫން ވިދާޅުވި އެވެ.
އިފްތާން ވިދާޅުވީ ޓްރީޓޮޕްގެ އޯޕީޑީގެ ހިދުމަތް ފަށާނީ ހެނދުނު 9:00ގައި ކަމަށެވެ.
"ހެނދުނު 8:30ގައި ރަޖިސްޓްރޭޝަން ފެށޭނެ. ރެޖިސްޓްރީ ކޮށްލާ އިރު ކޮންމެ ޕޭޝަންޓަކަށް ވެސް ލިބޭނެ ޕޭޝަންޓް ކާޑެއް، އެއްވެސް ފީއެއް ޗާޖެއް ނުކުރާނެ ރެޖިސްޓްރޭޝަންއަކަށް،"
އިފްތާން ވިދާޅުވީ ޓްރީޓޮޕުގައި ހިދުމަތް ދެއްވާނީ މުޅިން ވެސް ސްޕެޝަލިސްޓު ޑޮކްޓަރުން ކަމަށެވެ.
ޑޮކްޓަރަށް ދެއްކުމަށް އެޕޮއިންޓްމެންޓް ހައްދަން ޗާޖުކުރަނީ 750 ރުފިޔާ އެވެ. ހާއްސަ ޑިސްކައުންޓަކާ އެކު ދިވެހިންގެ އަތުން ނަގާނީ 525 ރުފިޔާ އެވެ.
"މިހާރު ވެސް ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި ޑޮކްޓަރަށް ދައްކަން އައިސް. އެޕޮއިންޓްމެންޓު ވެސް ހައްދަމުން އެބަދޭ،" އިފްތާން ވިދާޅުވި އެވެ.
އެންމެ ޒަމާނީ އިކުއިޕްމެންޓާއި ހިދުމަތްތަކާ އެކު ޓްރީޓޮޕްގެ ހިދުމަތް މިއަދު ފަށާފައިވާ އިރު ހޮސްޕިޓަލުގައި ފަސް ކެޓަގަރީއެއްގެ ރޫމާއި 210 އެނދު ހުރެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ހޮސްޕިޓަލުން އެމްއާރްއައި ސީޓީ ސްކޭން، ކާޑިއެކް ސާޖަރީ، ކީމޯ ތެރަޕީ، ނިއުރޯ ސާޖަރީ އޮންކޮލޮޖީ އަދި ޑަޔަލިސިސްގެ ހިދުމަތް ލިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
ހޮސްޕިޓަލު މެނޭޖުކުރަން ހަވާލުކޮށްފައި ވަނީ އޮސްޓްރޭލިއާގެ ރަމްސޭ ގްރޫޕާއި މެލޭޝިއާގެ ސައިމް ޑާބީ ކުންފުންޏާ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް --- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަންދާ ބަލި މީހުން އުފުލުމަށް ކޮންމެ ގަޑިއިރަކު ހާއްސަ ފެރީއެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ. ޓްރީޓޮޕުން މިހާރު ވެސް އަންނަނީ މާލޭގައި ކްލިނިކެއް ހިންގަމުންނެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެ ވެސް އެއް ސްޕެޝަލިސްޓަކު އެ ކްލިނިކުގައި ހިދުމަތްދެއްވާނެ ކަމަށް ޓްރީޓޮޕުން ބުނެ އެވެ.
ޓްރީޓޮޕް ހުޅުވުމާ އެކު ރާއްޖޭގެ މެޑިކަލް ޓުއަރިޒަމްގެ ސިނާއަތް ފުޅާވެ، ކުރިއަރާނެކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.