ނިމިގެން ދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ސަރުކާރު ވައްޓާލާނެ ކަމަށް ބުނެ އިދިކޮޅުން ތިން ތާރީހެއް ދިން ކަމަށާއި މާދަމާ ބާއްވަން އުޅޭ އެއްވުން ވެސް ދާނީ "ފެނަށް" ކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން ވިދާޅުވެއްޖެ އެވެ.

މާދަމާ އިދިކޮޅު ފަރާތްތަކުން މާލޭގައި ބާއްވަން އުޅޭ ހާއްސަ އެއްވުމުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުންނާނެ ކަމަށް ބުނެ، އިދިކޮޅު ޕާޓީތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން މުބީން ވިދާޅުވީ އިދިކޮޅުން ސަރުކާރާ ދެކޮޅަށް ރާވާ އެއްވެސް އެއްވުމަކަށް ދިވެހި ރައްޔިތުންގެ މެދުގައި ތަރުހީބު ނެތް ކަމަށެވެ. އަދި ވިދާޅުވީ މީގެ ކުރިން ވެސް ސަރުކާރު ވައްޓާލަން ތާރީހުތަކެއް ދިން ކަމަށާއި އެހުރިހާ ކަމެއް ފެއިލްވީ ރައްޔިތުންގެ އެއްބާރުލުން ނުލިބިގެން ކަަމަށެވެ.

"އެންމެ ފުރަތަމަ މި ގެނައީ އިއްޒަތްތެރި ބަގާވާތްފުޅެއް. އެކަން ދިޔައީ ފެނަށް. ދެން މިބުނީ [މިދިޔަ މަހުގެ] 16 ވަނަ ދުވަސް ބޮޑުވާނޭ. އެދުވަހު މަގުމައްޗަށް ނުކުތީ ފަންސާހަކަށް މީހުން. ދެން ބުނި އިއްޔެ ވެސް މަގުމައްޗަށް ނުކުންނާނަމޭ ވެރިކަން ވައްޓާލާން. އެކަމަކު އެކަން ކުރާނެ ބަޔަކު ނުވި." މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވީ މާދަމާގެ ބޮޑު އެއްވުން ވެސް ނިމިގެންދާނީ އެއްވެސް އާންމު ރައްޔިތެއްގެ ތަރުހީބު ނެތި ކަމަށެވެ. އަދި ހަގީގަތަކީ މިހާރު އޮތް އިދިކޮޅު ކޯލީޝަނަކީ އެއްވެސް ޒިންމާދާރު ކަމެއް ނެތް ކޯލީޝަނެއް ކަމަށް ވެސް މުބީން ވިދާޅުވި އެވެ.

މުބީން ވަނީ މާދަމާގެ މުޒާހަރާއަށް އެއްވެސް ރައްޔިތަކު ނުދިޔުމަށް ވެސް ގޮވާލައްވައިފަ އެވެ. އަދި ވިދާޅުވީ މިހާތަނަށް ބޭއްވި މުޒާހަރާތަކުގައި ގެއްލުން ލިބުނީ ނިކަމެތި ރައްޔިތުންނަށް ކަަމަށާއި މާދަމާ ވެސް ވަކި ހިސާބަކުން އިދިކޮޅުގެ އިސްވެރިން ފިއްލަވާނެ ކަމަށެވެ.

"މިހާތަނަށް އެބޭފުޅުން ބޭއްވި ކޮންމެ މުޒާހަރާއެއްގައި ވެސް ގެއްލުން ލިބުނީ އާންމު ރައްޔިތުންނަށް. އިދިކޮޅުގެ އިސްވެރިން ވަކި ހިސާބަކުން ފިލާނެ. މިއީ ހަގީގަތް." މުބީން ވިދާޅުވި އެވެ.

މުބީން ވިދާޅުވީ މާދަމާގެ އެއްވުމުގައި މަޖީދީމަގުގެ އެކި ހިސާބުތަކުގައި ތާޅަފިލި ބަހައްޓައިގެން އާންމު ރައްޔިތުންނަށް އުނދަގޫވާނެ ހެން އެއްވުން ކުރިއަށް ގެންދަށް ރާވާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އާންމު ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ގޮތަކަށް އެކަންކަން ކުރިއަށް ގެންދިޔުމަކީ ގައުމުގެ އާންމު މަސްލަހަތަށް ބުރު އަރާނެ ކަމެއް ކަމަށެވެ.

މުބީން މިހެން ވިދާޅުވި އިރު އިދިކޮޅު ޕާޓީތަކުން އަންނަނީ މާދަމާ ބޮޑު އެއްވުމެއް ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެ އެއްވުން މާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވަން ނިންމާފައިވާ ކަމަށް އިދިކޮޅުން ވަނީ ބުނެފަ އެވެ.