01 Mar 2018, 19:33
އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް މިނިވަން ޗެމްޕިއަންޝިޕްގެ ފެށުން ފަސްކޮށްފިއެވެ.
އަތޮޅުތަކަށް ހާއްސަކޮށްގެން ބާއްވާ މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު ބުރު އަންނަ ހޮނިހިރު ދުވަހު ފަށަން ކުރިން ތާވަލުކޮށްފައި އޮތީ ހދ. އަތޮޅުގެ އަތޮޅު ބުރުގައި ހަނިމާދުއާއި ފިނޭ ވާދަކުރާ މެޗުންނެވެ. އެހެން ނަމަވެސް މުބާރާތް އިންތިޒާމްކުރާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން މިއަދު ބުނެފައިވަނީ މުބާރާތުގެ ފެށުން މިމަހުގެ ހަތްވަނަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޖުމްލަ 57 ރަށަކުން ބައިވެރިވެފައިވެއެވެ. ރާއްޖޭގެ ހުރިހާ ރަށްތަކަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ މުބާރާތުގައި އަށް ޒޯން ހިމެނެއެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުގެ މުބާރާތުގައިވެސް ޖުމްލަ 20 އަތޮޅުގެ ޓީމުތައް ބައިވެރިވެފައިވެއެވެ. މިއަހަރުގެ މުބާރާތުން ފުރުސަތުދީފައިވަނީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގައި ރަޖިސްޓަރީ ކޮށްފައިވާ ޓީމުތަކަށެވެ.
މިއަހަރުގެ އަތޮޅު ބުރުތައް ނިމި ޒޯން ބުރު ފެށުމަށް ކުރިން އެފްއޭއެމްއިން ނިންމާފައިވާ ތާރީހަކީ މިމަހުގެ 18 ވަނަ ދުވަހެވެ. އެހެން ނަމަވެސް އަތޮޅު ބުރު ފެށުން ފަސްވުމާއެކު އެ ތާރީހަށް ބަދަލު އަންނާނެ ކަމަށް ބެލެވެއެވެ.
މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލުގައި ގދ. ތިނަދޫ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ދ. ކުޑަހުވަދުއެވެ. ތިނަދޫއާއި ކުޑަހުވަދުއާއެކު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގައި ހިމެނުނު އއ. މާޅޮހާއި ށ. މިލަންދުއަށް މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބުނެވެ. މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރެއްގެ ޖާގަ ހޯދާ ޓީމުތަކަށް މިއަހަރުވެސް ޕްރިމިއާ ލީގުން ޖާގަ ދިނުމަށް ނިންމާފައިވެއެވެ.