މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ)އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގައުމީ 9 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލުގެ ޖާގަތައް ހުސައިން ސަނީފާއި އަހުސަން ހާޝިމް ހޯދައިފިއެވެ.

އެ މުބާރާތުގެ ފައިނަލުގެ ޖާގަތައް ސަނީފާއި އަހުސަން ހޯދާފައިވަނީ އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތަކުން މޮޅުވެގެންނެވެ.

ސެމީގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކުރީ ސަނީފާއި މުހައްމަދު ދުންޔާޒެވެ. އެ މެޗު ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ސަނީފެވެ. އެ މެޗުން ސަނީފް މޮޅުވެފައިވަނީ ފަސޭހަކަމާއެކު ސީދާ ހަތް ފްރޭމުންނެވެ.

ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ފުރަތަމަ ސެމީން ބަލިވި ދުންޔާޒާއި އަހުސަނެވެ. ފައިނަލުގެ ދެވަނަ ޖާގަ އަހުސަން ހޯދާފައިވަނީ އެ މެޗު 7-6 ފްރޭމުން ކާމިޔާބުކޮށްގެންނެވެ.

އެ މުބާރާތުގެ ފައިނަލް މެޗު ފިޔަވާ ދެން ހުރި މެޗުތައް ކުޅޭނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ. މުބާރާތުން ކުޅުންތެރިޔަކު އަލްވަދާއު ކިޔާނީ ދެ މެޗުން ބަލިވެއްޖެނަމައެވެ. މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް މެޗުތައް ރޭސްޓު 7 އަށް ކުޅުނު ނަމަވެސް، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރޭސްޓު 9 އަށެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 8:15ގައެވެ. އެ މެޗުގައި އެއްކޮޅުން ވާދަކުރާ އަހުސަންއަކީ އެމްޕީބީއޭ ރޭންކިންގެ ފަސްވަނައިގައި އޮތް ކުޅުންތެރިޔާއެވެ. އަދި އޭނާއަކީ ގައުމީ ބިލިއާޑް ޓީމުގައިވެސް ހިމެނޭ ކުޅުންތެރިއެކެވެ. އަހުސަންއާ ދެކޮޅަށް ނުކުންނަ ސަނީފަކީ އެމްޕީބީއޭ ރޭންކިންގެ 13 ވަނައިގައި އޮތް ކުޅުންތެރިޔާއެވެ.