އިދިކޮޅު ކޯލިޝަނުން އިއްޔެ މަޖިދީމަގުގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ދޫކޮށްލައިފިއެވެ.

އެ ދެ މީހުންވެސް ދޫކޮށްލާފައިވަނި މިއަދު ހަވީރު އެވެ.

ޝާހިދާއި ލަތީފް ދޫކޮށްލިނަމެވެސް އިއްޔެ ހައްޔަރުކުރި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުންނެވީ އަދިވެސް ހައްޔަރުގައެވެ.

ޝާހިދާއި ލަތީފްގެ މައްޗަށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

ރިޔާޒު ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން ވަނީ އޭނާގެ ގާނޫނީ ވަކީލަށް އަންގާފައެވެ. އޭނާ ހައްޔަރުކުރީކޮން ތުހުމަތެއްގައިކަން ފުލުހުން އަންގާފައިނުވާ ކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރެއް ނުކުރާނެ އެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ.