ރާއްޖޭގެ ޖަލުތަކުގައި ތިބެންޖެހޭ މީހުން އެނގިވަޑައިގަންނަވާނީ ބޭރު ގައުމުތަކުގެ ސަފީރުންނަށް ނޫން ކަަމަށާއި ރާއްޖޭގެ ގާނޫނު ތަކުގެ ތެރެއިން އަދަބު ލިބެންޖެހޭ މީހުން ނިންމާނީ ކަމާ ބެހޭ މުއައްސަސާތަކުން ކަމަށް ވިދާޅުވެ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު އެމެރިކާއިން ރާއްޖެއަށް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން އެހެން ވިދާޅުވިއިރު ސީދާ ވަކި ސަފީރެއްގެ ނަންފުޅެއް ފާހަގަ ނުކުރައްވައެވެ. ނަމަވެސް އޭނާގެ ވާހަކަފުޅު އަމާޒު ކުރެއްވީ އެމެރިކާއިން ރާއްޖެ އަދި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕްއަށް ކަމަށް ބެލެވެއެވެ.

އަތުލް ކެޝަޕްވަނީ ރާއްޖޭގައި ހައްޔަރުކޮށްފައިވާ އިދިކޮޅު ބައެއް މީހުން ހިމެނޭ ލިސްތެއް މިއަދު ރިޓްވީޓް ކުރައްވާފައެވެ.

އެކަމަށް ރައްދު ދެއްވަމުން ނިހާން ވިދާޅުވީ ރާއްޖޭގެ ޖަލުތަކުގައި ތިބޭ މީހުން ނިންމާނީ ބޭރު ގައުމުތަކުގެ ސަފީރުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެއީ ދިވެހިންގެ ހައްގެއް ކަމަށެވެ.

"ގާނޫނުގެ އުސޫލުތަކާ އެއްގޮތަށް ދިވެހިރާއްޖޭގެ ކަމާ ބެހޭ ފަރާތްތަކުން ކުށްވެރިއެއްކަމަށް ކަނޑައަޅާ ކޮންމެ މީހަކު ޖަލަށް ލުމަކީ ދިވެހިންގެ މިނިވަން ކަމެއް،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދަޅުވީ ރާއްޖޭގެ ޖަލުތަކުގައި ގިނަ އަދަދެއްގެ ބަޔަކު ތިބިއިރު ހުރިހާ އެންމެންވެސް ގޮވަނީ ވަކި ބަޔަކު ދޫކޮށްލުމަށް ކަމަށެވެ.