ވޮޝިންގްޓަން (04 މާޗް): ޗައިނާގެ ރައީސް ޝީ ޖިންޕީ އަށް ވަކި މުއްދަތެއް ނެތި ވެރިކަން ކުރެވޭނެ ގޮތަށް އެގައުމުގެ ކޮމިޔުނިސްޓް ޕާޓީން ފާސްްކުރުމުން، އެ ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތައުރީފުކުރައްވައިފި އެވެ.

އެމެރިކާގެ ފްލޮރިޑާ ސިޓީގައި ބޭއްވި ފަންޑްރެއިޒިން ހަރަކާތެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަަމަށެވެ.

" ބައްލަވާ! ޝީ އެއޮތީ އެގޮތަށް އެކަން ނިންމަވާފައި. އަޅުގަނޑު ދެކޭ ގޮތުގައި މިއީ ވަރަށް ރަނގަޅު ނިންމުމެއް. ފަހަރެއްގައި އަޅުގަނޑުމެން ވެސް އެގޮތަށް އެކަން ނިންމަންޖެހިދާނެ." ޓްރަމްޕް ވިދާޅުވި އެވެ.

ޗައިނާގެ ނިންމުމަށް ޓްރަމްޕް ތައުރީފުކުރެއްވި ނަމަވެސް އެކަން އެމެރިކާގެ ބައެއް ސިޔާސީ ބޭފުޅުން ބަލައެއް ނުގަތެވެ. އެގޮތުން އެމެރިކާގެ ސެނެޓުގެ ޑިމޮކްރެޓިކް މެމްބަރެއް ކަމަށްވާ ރޯ ކަންނާ ވިދާޅުވީ މިއީ އެމެރިކާގެ އުސޫލުތަކަށް އެއްގޮތަކަށް ވެސް ފެތޭ ނިންމުމެއް ނޫން ކަމަށެވެ.

އެމެރިކާގައި ދެ ދައުރަށް ވުރެ ގިނަ ދައުރު ފުރިހަމަ ކުރައްވައިފައި ވަނީ ކުރީގެ ރައީސް ފްރޭންކްލިން ރޫސްވެލްޓް އެކަންޏެވެ. ރޫސްވެލްޓް ވަނީ ހަތަރު ދައުރެއްގެ މަތިން އެމެރިކާގެ ރައީސްކަން ކުރައްވައިފަ އެވެ.

އެމެރިކާގެ ރައީސްކަމުގައި ހުންނެވި ބޭފުޅެއްގެ ދައުރު އިތުރުކުރަން ބޭނުން ނަމަ ކޮންގްރެސްގެ ދެގޭގެ ތެރެއިން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތު ބޭނުންވާނެ އެވެ.

މަސްދަރު : ރޮއިޓާސް