ތެހެރާން(މާޗް 6): ސޫރިޔާގެ މައްސަލަ ހައްލުކުރެވޭނީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް އެގައުމުގެ ހުރިހާ ބިންތަކެއްގެ ކޮންޓްރޯލް ލިބި ސޫރިޔާގެ ވެރިކަން ގަދަބާރުން ހޯދުމަށް ހަނގުރާމަކުރާ ހުރިހާ ޖަމާއަތްތަކެއް ބަލިކަށިވެގެން ގޮސްގެން ކަމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

އީރާނަށް ވަޑައިގެން އުޅުއްވާ ފަރަންސޭސި ޚާރިޖީ ވަޒީރު ޖާން އިފް ލޮދްރިޔާން އާ ތެހެރާންގައި ބައްދަލުކުރެއްވުމަށްފަހު ރޫހާނީ ވިދާޅުވީ ސޫރިޔާގެ ސަރުކާރު ގަދަބާރު ވައްޓާލުމުގައި ހަނގުރާމަވެރި ޖަމާއަތްތަކަށް ކާމިޔާބު ލިބިއްޖެނަމަ އެއިން ކޮންމެ ޖަމާއަތަކުންވެސް އެޖަމާއަތެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ބިންތަކުގައި ވަކި ދައުލަތެއް އިޢުލާންކުރާނެކަމަށާއި މިގޮތުން ކުރުދީ ޖަމާއަތްތަކަށް ވަކި ދައުލަތެއް ޖަބްހަތުއްނުސްރާއަށް ވަކި ދައުލަތެއް އައިއެސްއަށް ވަކި ދައުލަތެއް މިގޮތަށްގޮސް ސޫރިޔާގައި ވަކި ދައުލަތްތައް އުފައްދައި ސޫރިޔާ ބައިބައިކޮށްލާނެ ކަމުގައެވެ.

ސޫރިޔާއަށް ބޭނުންވަނީ ސިޔާސީ ހައްލެއްކަން ބަޔާން ކުރައްވަމުން ރޫހާނީ ވިދާޅުވީ، ހަނގުރާމަވެރިން ބަލިކަށި ކުރެވިގެން ނޫނީ ސޫރިޔާއަށް ސިޔާސީ ހައްލެއްވެސް ނުގެނެވޭނެ ކަމުގައެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އެގައުމު ވީރާނާވެފައިވީނަމަވެސް އެގައުމު އެއްދައުލަތެއްގެ ގޮތުގައި މިހާތަނަށް ދެމިއޮތީ ސޫރިޔާ ސިފައިންގެ ލަޝްކަރުތައް ރޫޅިގެން ނުދިޔުމާއި ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމުގައި ހަނގުރާމަވެރި ޖަމާއަތްތައް ނާކާމިޔާބު ވުމުގެ ސަބަބުންކަން ރޫޙާނީ ފާހަގަކުރެއްވިއެވެ.

ސޫރިޔާގެ މައްސަލައާބެހޭގޮތުން ފަރަންސޭސި ޚާރިޖީ ވަޒީރު ޖާން އިފް ލޮދްރިޔާން އާ ކުރެއްވި މަޝްވަރާތަކުގައި އޭނާވެސް މިކަންކަން ފާހަގަ ކުރެއްވިކަމަށާއި މިކަންކަމުގައި ދެގައުމަށް އެއްގަލަކަށް އެރުނު ނަމަވެސް ބައެއްކަންކަމުގައި ދެގައުމުގެ ޚިޔާލު ތަފާތުކަމަށް ރޫހާނީ ވިދާޅުވިއެވެ.

ރޫޙާނީގެ ވާހަކާގައި، ވެރިކަމުގެ ދަހިވެތިކަމުގައި ގަދަބާރުން ވެރިކަން ވައްޓާލި އެއްވެސް ގައުމަކަށް ހަމަޖެހުން ނާންނަ ކަމަށާ އިރާގު ލީބިޔާ ޔަމަން އަދި ސޮމާލިޔާ ފަދަ ގައުމުތަކުން މިމަންޒަރު ފެންނަން އޮތްކަމަށް ވިދާޅުވިއެވެ. މިގައުމުތަކުގެ ތެރެއިން ލީބިޔާއާއި ސޮމާލިޔާވަނީ ބައިބައިވެ އެއްސަރުކާރަށްވުރެ ގިނަ ސަރުކާރުތައް އުފެދިފައެވެ. ސޮމާލިޔާ ބައިބައިވެ ދެގައުމު އުފެދިފައިވާއިރު ލީބިޔާގައި ތިން ސަރުކާރު އުފެދިފައިވެއެވެ.

ސޫރިޔާގެ ވެރިކަން ގަދަބާރުން ވައްޓާލުމަށް ހަނގުރާމަކުރާ ފައްސަތޭކައަށްވުރެ ގިނަ ޖަމާއަތާއި މިލީޝިޔާތައް ހަރަކާތްތެރިވެއެވެ. މީގެތެރެއިން ކޮންމެ ޖަމާއަތަކީ ބައްޝާރުގެ ސަރުކާރާ ހަނގުރާމަ ކުރަމުންގެންދާއިރުވެސް އެއްޖަމާއަތް އަނެއް ޖަމާއަތާ ދެކޮޅަށް ތަޅާފޮޅާ ޖަމާއަތްތަކެއް ކަމަށާއި މިފަދަ ބަޔަކަށް ވެރިކަން ލިބިގެން ސޫރިޔާއަށް ހަމަޖެހުން ގެނެވިދާނެތޯ ރޫހާނީ ސުވާލު އުފެއްދެވިއެވެ.

ސޫރިޔާގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ތެރެއިން ސެކިއުލާ ވިސްނުމުގެ ޖަމާއަތްތަކަށް ފައިސާއާއި ހަތިޔާރާއި ސިޔާސީ އެހީތެރިކަން ދެނީ އެމެރިކާ، ޔޫރަޕް، ތުރުކީ، ސައޫދީ އަދި ގަތަރުންނެވެ. ސޫރިޔާގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސިފަކުރެވޭ އައިއެސް އާއި ޖަބްހަތުއްނުސްރާ (މިހާރު ހައިއަތު ތަހްރީރް އައްޝާމް) އަށް ވެސް ފައިސާއާއި ހަތިޔާރު ފޯރުކޮށްދޭ ކަމުގެ ތުހުމަތުކުރެވެނީ އެމެރިކާ، ޔޫރަޕް، ތުރުކީ، ސައޫދީ އަދި ގަތަރުގެ މައްޗަށެވެ.

ނަމަވެސް މިއީ ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ސިފަކުރެވޭ ޖަމާއަތްތައް ކަމަށްވާތީ އެގައުމުތަކުން މިޖަމާއަތްތަކަށް ފައިސާއާއި ހަތިޔާރު ފޯރުކޮށްދެނީ އޮޅުވާލައިގެން ސިއްރިޔާތުގައެވެ. ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރަށް ވާގިވެރިވަނީ ރަޝިޔާއާއި އީރާނުންނެވެ. ސޫރިޔާގެ ޣައުތާގައި މިހާރު ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާއިރު އެއީ ސޫރިޔާގައި އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އޮތް މަދު ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދެކެވެ.

އެސަރަހައްދަށް ސޫރިޔާ ސިފައިންނާއި ރަޝިޔާ ސިފައިން ކެނޑިނޭޅި ބޮންއަޅަމުންގެންދާއިރު ވެސް ޣޫތާއިން ނުފައިބަން އިދިކޮޅު ޖަމާއަތްތަކުން ހިތްވަރުކުރަނީ އެސަރަހައްދު ގެއްލިއްޖެނަމަ ގާތްގަނޑަކަށް މުޅި ސޫރިޔާއިން އިދިކޮޅު ޖަމާއަތްތަކުގެ ކޮންޓްރޯލް ގެއްލިގެންދާނެކަމުގެ ބިރު އޮތުމުންނެވެ.

ސޫރިޔާ ސިފައިންނާއި ރަޝިޔާ ސިފައިންގެ ހަމަލާތަކާއި އިދިކޮޅު ޖަމާއަތްތަކުގެ ޙަމަލާތަކުގައި ޣޫތާގެ ކުށެއްނެތް އާންމުންދަނީ ޑަޒަން ޑަޒަނަށް މަރުވަމުންނެވެ.

އެމެރިކާ، ޔޫރަޕް، ތުރުކީ، ސައޫދީ އަދި ގަތަރުގެ ސީދާ އެހީ އާއި ނުސީދާ އެހީ ލިބޭ ފައްސަތޭކަ ވަރަކަށް ޖަމާއަތް ބައްޝާރުގެ ސަރުކާރު ވައްޓާލަން ހަނގުރާމަ ކުރަމުންގެންދާތާ ހަތް އަހަރު ވެފައިވާއިރުވެސް އެޖަމާއަތްތައްވަނީ ބައްޝާރުގެ ސަރުކާރު ވައްޓާލުމުގައި ނާކާމިޔާބު ވެފައެވެ. އަދި ސޫރިޔާ ސިފައިންވަނީ ރަޝިޔާއާއި އީރާނުގެ އަސްކަރީ އެހީގައި އެގައުމުގެ ސަރުކާރު ދިފާއުކޮށް ސޫރިޔާ ރޫޅިގެން ދިޔުމުން ސަލާމަތްކުރުމުގައި ކާމިޔާބު ހޯދާފައެވެ. އަދި މިދިޔައަހަރު ސޫރިޔާ ސިފައިންވަނީ އިދިކޮޅު ޖަމާއަތްތަކުގެ އަތްދަށުގައިވާ ސޫރިޔާގެ ގިނަ ސަރަހައްދުތައް މިނިވަންވެސްކޮށްފައެވެ.

ސޫރިޔާގެ ހަނގުރާމައިގެ ސަބަބުން ރައްޔިތުންނަށާއި ގައުމަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ޒިންމާ ބައްޝާރުގެ ސަރުކާރާއި އެސަރުކާރަށް ވާގިވެރިވާ ރަޝިޔާއާއި އީރާނެކޭ އެއްފަދައިން އިދިކޮޅު ޖަމާއަތްތަކާއި އެޖަމާއަތްތަކަށް ވާގިވެރިވާ އެމެރިކާ، ޔޫރަޕް، ތުރުކީ، ސައޫދީ އަދި ގަތަރު މިގައުމުތަކުންވެސް ނަގަންޖެހޭނެކަމަށް ސޫރިޔާގެ އާންމުންގެ ގިނަ ބަޔަކު ބުނަމުން ގެންދެއެވެ. ސަބަބަކީ ސޫރިޔާ ގައި ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލީ އިދިކޮޅު ޖަމާއަތްތަކާއި އެޖަމާއަތްތަކަށް ވާގިވެރިވާ ގައުމުތަކުން ކަމަށްވާތީއެވެ.

ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުގެ ތެރެއިން އައިއެސް އާއި ޖަބްހަތުއްނުސްރާ ފަދަ ޓެރަރިސްޓް ޖަމާއަތްތަކުގެ ހަނގުރާމަވެރިންގެ އަތުން އިސްރާއީލުގައި އުފައްދާފައިވާ ހަތިޔާރުތައް ފެނިފައިވެއެވެ. އަދި ޖަބްހަތުއްނުސްރާ ޖަމާއަތުންވަނީ ހަނގުރާމައިގާ ޒަޚަމްވާ އެޖަމާއަތުގެ ބައެއް ހަނގުރާމަވެރިންނަށް ފަރުވާދެނީ އިސްރާއީލުގެ ހޮސްޕިޓަލްތަކުގައި ކަމަށް އެއްބަސްވެފައެވެ.

އިސްރާއީލުން ހިފާފައިވާ ސޫރިޔާގެ ގޯލާންގެ ބިންތައް މިނިވަން ކުރުމަށްޓަކައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ސޫރިޔާ ސަރުކާރުންވެސް އަދި އިދިކޮޅު ޖަމާއަތްތަކުންވެސް މަސައްކަތެއް ނުކުރެއެވެ. (ނޫސް އެޖެންސީތައް)