07 Mar 2018, 09:15
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި ލިވަޕޫލާއި ޕޯޓޯ ވާދަކުރި މެޗު އެއްވަރުވެ، އެގްރިގޭޓް 5-0ގެ ނަތީޖާއަކުން ލިވަޕޫލް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު މެޗު 0-0ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ލިވަޕޫލުން އޮތީ އަވޭ ލެގު 5-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. ލިވަޕޫލަށް މިސީޒަންގައި އެންމެ ކާމިޔާބު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ސަލާހް މިރޭގެ މެޗު ފަށައިފައިވަނީ ބެންޗުންނެވެ.
ފުރަތަމަ ހާފް ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔަ ލިވަޕޫލުން ވަނީ ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ލިވަޕޫލްގެ ވާއަތް ފަޅިން ފަހަތަށް ކުޅެމުންދިޔަ ޖޯސެފް ގޮމޭޒްގެ ހުރަސް، ޕޯޓޯގެ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ސަޑިއޯ މަނޭ ކުރިއަށް ފޮނުވާލި ނަމަވެސް އޭނާގެ ހަމަލާ ދިޔައީ ގޯލްގެ މަތިން ބޭރަށެވެ.

ޕޯޓޯގެ ސްޕެއިން ގޯލްކީޕަރު އީކާ ކަސިއަސް: ކަސިއަސް ވަނީ ރެއާލްއާއެކު ޗެމްޕިއަންސް ލީގު އުފުލާލައިފައި --- ފޮޓޯ/ އޭޕީ
މީގެ އިތުރުންވެސް ފުރަތަމަ ހާފް ނިމެންދަނިކޮށް މަނޭގެ އިތުރު ހަމަލާއެއްވެސް ފެނިގެން ގޮސްފައިވެއެވެ. ޕޯޓޯގެ އޭރިއާ ތެރެއިން މަނޭ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.
ދެވަނަ ހާފްގައިވެސް ގިނަ ހަމަލާތައް އުފައްދާ، މޮޅަށް ކުޅެފައިވަނީ ލިވަޕޫލުންނެވެ. އެ ހާފްގައި ލިވަޕޫލްގެ ތަރި، މުހައްމަދު ސަލާހްވެސް ފެނިގެން ގޮސްފައިވެއެވެ.
މެޗުން މޮޅުވުމަށް ދެވަނަ ހާފްގައިވެސް ލިވަޕޫލަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ލިވަޕޫލްގެ ފޯވަޑް ރޮބާޓޯ ފިރްމީނޯއާއި ޖޭމްސް މިލްނާއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރޭ ވަނީ އިތުރު މެޗެއްވެސް ކުޅެފައެވެ. އެއީ ރެއާލް މެޑްރިޑާއި ޕީއެސްޖީ ވާދަކުރި ދެވަނަ ލެގުގެ މެޗެވެ. އެ މެޗު 2-1ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލްއެވެ. އެ މެޗު ކާމިޔާބުކޮށް، ދެ ލެގުގެ އެގްރިގޭޓް 5-2ގެ ނަތީޖާއަކުން ރެއާލް ވަނީ ކުއާޓާގެ ޖާގަ ހޯދައިފައެވެ.

ޕޯޓޯގެ ފިލިފޭ އަތުން ރޮބާޓޯ ފިރްމީނިއޯ ބޯޅަހޯދަނީ --- ފޮޓޯ/ އޭޕީ
ލިވަޕޫލް އެންމެފަހުން ޗެމްޕިއަންސް ލީގުގެ ގަދަ 16 ފަހަނައަޅާ ކުއާޓާއަށް ދަތުރުކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ. އޭގެ ފަހުން 10-2009 ސީޒަންގެ ޗެމްޕިއަންސް ލީގު ކުޅުނު ފަހުން ލިވަޕޫލް ޗެމްޕިއަންސް ލީގަށް ކޮލިފައިވީ މިސީޒަންގައެވެ.