07 Mar 2018, 11:45
މިދިޔަ އާދީއްތަ ދުވަހު ކުއްލި ގޮތަކަށް މަރުވި އިޓަލީގެ ޑިފެންޑަރު، ޑާވިޑޭ އެސްޓޯރީ ކްލަބު ލެވެލްގައި އެންމެ ގިނަ މެޗުތައް ކުޅެފައިވާ ސެރެއާ އޭގެ ކްލަބު، ކަގިލިއަރީ އަދި ފިއޮރެންޓީނާ އިން ވެސް އޭނާގެ ޖާޒީ ނަންބަރު 13 ދެން ބޭނުން ނުކުރާ ގޮތަށް ރިޓަޔާކޮށްފި އެވެ.
އިޓަލީގެ ގައުމީ ޓީމަށް 14 މެޗު ކުޅެފައިވާ އުމުރުން 31 އަހަރުގެ ޑިފެންޑަރު އެސްޓޯރީވަނީ 2008 އިން ފެށިގެން އަށް އަހަރު ކަގިލިއަރީއަށް ކުޅެފަ އެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ފިއޮރެންޓީނާގެ ޑިފެންސުގައި މުހިއްމު ރޯލެއް އަދާކުރަމުން ދިޔަ އެސްޓޯރީއަކީ މަރުވިއިރު އެ ކްލަބުގެ ކެޕްޓަނެވެ.
އެސްޓޯރީގެ މަރު ތަހުގީގު ކުރުމަށާއި އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް އުޑީންގެ ޗީފް ޕްރޮސެކިއުޓާ އެންޓޯނިއޯ ޑި ނިކޯލޯ އިއްޔެ ވަނީ މައްސަލައެއް ހުޅުވާލައިފަ އެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް އެސްޓޯރީގެ އޮޓޮޕްސީ އިއްޔެ ހަދާފައިވާ އިރު، އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެސްޓޯރީ މަރުވި ސަބަބެއް ކަމަށް އޮޓޮޕްސީ ރިޕޯޓްތައް ދައްކަނީ ހިތުގެ މައްސަލަތަކެއްގެ ސަބަބުންނެވެ.
އަސްޓޯރީ ކުއްލި ގޮތަކަށް މަރުވެފައި އޮއްވާ ފެނިފައި ވަނީ ފިއޮރެންޓީނާ އިން އުޑިނޭސީއާ ދެކޮޅަށް އާދިއްތަ ދުވަހު ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އޭނާގެ ޓީމު ކޭމްޕު ކޮށްފައިވާ ލޭ ޑި މޮރެޓް ހޮޓެލްގަ އެވެ. އެސްޓޯރީގެ މަރާ ގުޅިގެން އިޓަލިއަން ސެރެއާ އޭގެ މި ހަފްތާގެ ހުރިހާ މެޗެއް ވަނީ ފަސްކޮށްފަ އެވެ.
އެސްޓޯރީގެ ހަށިގަނޑު މިއަދު އޭނާގެ އުފަން ރަށް ކަމަށްވާ ފްލޮރެންސަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު އޭނާގެ ޖަނާޒާ މާދާމާ ކުރިއަށް ގެންދިއުމަށް ފިއޮރެންޓީނާއިންވަނީ ނިންމައިފަ އެވެ.