08 Mar 2018, 10:46
މި އަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެއާ އިންޑިއާގެ ބައެއް ފްލައިޓުތައް މިއަދު އޮޕަރޭޓު ކުރާނީ ހަމައެކަނި އަންހެނުން ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން މިއަދު އެއެއާލައިނުން އެމެރިކާ އާއި އިޓަލީ އާއި ސިންގަޕޫރަށް ކުރާ ބައެއް ދަތުރުތަކުގައި ފްލައިޓުގެ ކޮކްޕިޓުގައި އާއި ކުރޫގެ ގޮތުގައި ތިބޭނީ ހަމައެކަނި އަންހެނުންނެވެ. އަދި އިންޑިއާގެ އެތެރޭގައި ދަތުރު ކުރާ ބައެއް ފްލައިޓުތަކުގައި ވެސް ތިބޭނީ ހަމައެކަނި އަންހެނުން ހިމެނޭ ކުރޫއެއް ކަމަށް އެ އެއާލައިނުން ބުންޏެވެ.
އެއާ އިންޑިއާގެ އިތުރުން ޑޮމެސްޓިކް އެއާލައިންތައް ކަމަށްވާ ވިސްތާރާ އައި ސްޕައިސް ޖެޓުން ވެސް ވަނީ މިއަދު ބައެއް ފްލައިޓުތައް އޮޕަރޭޓު ކުރާނީ ހަމައެކަނި އަންހެނުން ކަމަށް ބުނެފައި އެވެ.
އަދި އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި، ފްލައިޓަށް ފަސިންޖަރުން އެރުވުމުގައި އަންހެނުންނަށް އިސްކަން ދިނުމާއި ޓިކެޓް ސޭލްއެއް ކުރިއަށް ގެންދާނެ ކަމަށްވެސް ވިސްތާރާއިން ބުންޏެވެ. (އިކޮނޮމިކްޓައިމްސް)