މުޖުތަމައުގައި އަންހެނުންގެ ދައުރާ މެދު ޒަމާނުއްސުރެ ރާއްޖޭގައި ދެކެމުން އަންނަ ގޮތް ބަދަލުކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ އަންހެނުންނަކީ ހަމައެކަނި ވަކި ކަންތައްތަކެއް ކުރެވޭނެ ބައެއް ކަމަށް އޮންނަ ވިސްނުން މިހާރު ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

"މުޖުތަމައުގައި އަންހެނުންނާއި ފިރިހެނުން ޒަމާނުއްސުރެ އަދާކުރަމުންއައި ދައުރުތަކަށް މިއަދު މިވަނީ ބަދަލު އަންނަންޖެހިފައި. ވިސްނުމަށް މިބަދަލު ގެނެވޭނީ ގޭތެރެއިން ފެށިގެން. ސްކޫލުތަކުން ފެށިގެން. ހަމައެއާކު ސީދާގޮތުންނާއި ނުސީދާގޮތުން ވަކި ޖިންސަކަަށް ކުރެވޭނީ ވަކި ކަހަލަ މަސައްކަތެއްކަން ވިސްނޭގޮތަށް ބައްޓައްކުރެވިފައި ހުރި އާދަތައް ބަދަލުކުރަން ޖެހޭ. 'ސްޓީރިއޯޓައިޕިން' އަށް ބަދަލުގެންނަން ޖެހޭ." ޖިހާދު ވިދާޅުވިއެވެ.

ރެހެންދި އެވޯޑް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްހީ ދާއިރާއިން އެވޯޑް ހާސިލްކުރެއްވެ އައިމިނަތު ވަހީދާއަށް އެވޯޑް އަރުވަނީ-- ސަން ފޮޓޯ: މުހައްމަދު އަފުރާހު

ނައިބު ރައީސް ޖިހާދު ވިދާޅުވީ ކޮންމެ މަސައްކަތެއްވެސް ކުރާނެ ގޮތާއި ތަމްރީނު ލިބިއްޖެނަމަ ކޮންމެ ޖިންސަކަށްވެސް އެއީ ކުރެވޭނެ މަސައްކަތްތަކެއްކަން ޒުވާން ޖީލު ގަބޫލުކުރަން ޖެހޭ ކަމަށެވެ.

އަދި ބެލެނިވަރިންނާއި ޓީޗަރުންނާއި އަދި ވަޒީފާދޭ ފަރާތްތަކުން ވެސް ކޮންމެ ޖިންސެއްގެ ކުއްޖެއް ނަމަވެސް އެކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދެވޭނެ މަގު ފަހިކޮށްދިނުމަށް ޖިހާދު އިލްތިމާސް ކުރެއްވިއެވެ.

އަންހެން ކުދިންގެ ތައުލީމަށް ކުރެވޭ އިންވެސްޓުމަންޓަކީ މުޅި ގައުމު ބިނާކުރުމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.

ރާއްޖޭގައި އަންހެނުން ތައުލީމީ ގޮތުން ހޯދާ ކާމިޔާބީތައް ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ، އޭ ލެވެލް އިމްތިހާނުން އެންމެ ރަނގަޅު ނަތީޖާ ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހާސިލުކުރީ ތިން އަންހެން ދަރިވަރުންކަން ފާހަގަކުރައްވައިފައެވެ.

މިއަދުގެ ޖަލްސާގައި، މުޖުތަމައުގައި ފާހަގަކުރެވޭ ޚިދުމަތް ކުރައްވާ ތިން ކަނބަލަކަށް ރެހެންދި އެވޯޑު ދީފައެވެ. މިއަހަރުގެ ރެހެންދި އެވޯޑު ލިބިވަޑައިގެންނެވީ އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ، އައިޖީއެމްއެޗުގެ ބްލަޑް ސާވިސެސްގެ ޑިރެކްޓަރ އައިމިނަތު ވަހީދާ އަދި ޑައިވިންގް އިންސްޓްރަކްޓަރ ޒޫނާ ނަސީމަށެވެ.