ވެރިރަށް މާލޭގެ އަމަން އަމާންކަން ނަގާލުމަށް ރާވަމުންދާ ކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ހައްޔަރުކޮށްފައި ހުރި އަހްމަދު ޝާހިދު (ސާބެ) ދިރިއުޅޭ ގެ ބަލައިފާސްކޮށްފިއެވެ.

ފުލުހުން މިރޭ އިރާކޮޅު އޭނާގެ ގެ ބަލައި ފާސްކޮށްފައިވަނީ އޭނާގެ ހާޒިރުގައެވެ. އަދި ގެ ބަލައި ފާސްކުރުމަށް ފަހު އަލުން ސާބެ ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ.

ފުލުހުންގެ ތަރުޖަމާނު ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ މާލޭގައި ހަމަނުޖެހުން ހިންގައި އަމަން އަމާންކަން ނަގާލަން ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެކަމާ ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ކުރިއަށްދާ ކަަމަށެވެ. އަދި އެ އޮޕަރޭޝަނުގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ސާބެގެ އިތުރުން ދެން މިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ހަސަން އަހުމަދު (ރ. އަލިފުށީ/ހަޒާރީގެ)، އިލްޔާސް ލަބީބް (ސ.ހުޅުދޫ/ ބްލޫ ސްކައި)، އަދި ހުސައިން އިލްހާމް (ގ. ޗަނބޭލީގެ) އެވެ.

ސާބެއަކީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ފިރިކަލުންނެވެ.