ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާ ދޭ އިރު މިއަހަރު އިދިކޮޅު ސިޔާސީ ޕާޓީތަކަށް ފައިސާ ނުދިނުމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފި އެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީތައް، އެމްޑީޕީ، ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީން މިހާރު ހިންގަނީ ޣައިރު ގާނޫނީ، ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއް ކަމަށެވެ. އެ ޕާޓީތައް ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވެފައި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެހެންކަމުން ވިސްނާ ވަޑައިގެން އެ ތިން ޕާޓީއާ މެދު ފިޔަވަޅު އަޅުއްވައި މި އަހަރު އެ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާ ނުދީ ހިފެއްހެއްޓުމަށް އިލެކްޝަންސް ކޮމިޝަނަށް އަބްދުއްރަހީމް ވަނީ ގޮވާލައްވައިފައެވެ.

" އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް ގޮވާލަން. ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބައްލަވާފައި އެޅެން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު މި ޕާޓީތަކާ ދޭތެރޭ އަޅުއްވައި ދެއްވާށޭ. އަދި ހަމަ އެއާއެކު މިހާރު އެއޮތީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަން ޖެހޭ ހިސާބަށް އައިސްފަ. އަޅުގަނޑު ގަބޫލެއް ނުކުރަން މިފަދަ ޕާޓީތަކަށް ފައިސާ ދޫކުރަން ޖެހޭނެ ކަަމަކަށް ދައުލަތުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ދައުލަތުން ފައިސާ ދިނީމަ އެފައިސާ ބޭނުންކޮށްގެން ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރާ މީހުންނަށް ފައިސާ ދީގެން ނުވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިރޭ ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ދެއްކެވި ވާހަކަފުޅަށްވެސް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމުން އަލި އަޅުވާލާފައިވެ އެވެ.

ޝިފާން ވިދާޅުވެފައި ވަނީ ބައެއް ފަރާތްތަކުން ތަންތަނުގައި ރޯކޮށް ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރަމުން ދާ ކަމަށެވެ.

އެކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ގައުމުގެ ތަންތަނުގައި ރޯކޮށް ތަންތަނަށް ގެއްލުންދޭން އުޅެން ޖެހޭ ފަދަ ހާލަތެއް އަދި ގައުމުގައި ކުރި މަތިވެފައި ނެތް ކަމަށެވެ.

" ދޭތެރެއަކުން ބޮޑު 16 އެއްގެ ވާހަކަ އެބަދައްކާ. މިމަހުގެ 16 ވަނަ ދުވަހަކީ މާ ބޮޑު ދުވަހަކަށް ހަދާނަމޭ. ކިޔާ އުޅެ ބަހައްޓާފަ ކުއްލިއަކަށް ނުކުމެ މިރެއާ މާދަމާ މިރާއްޖޭގެ އަމަން ނަގާލަން މި މަސައްކަތް ފެއްޓީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހާ ބައްދަލު ކުރަން އިދިކޮޅު އިއްތިހާދުގެ ވަފުދެއް ދާން އުޅޭ ކަމަށް ވިދާޅުވެ އެކަމާވެސް ޕީޕީއެމުން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ. އެ ވަފުދުގައި ދާ މީހުންނަކީ ގައުމުގެ ޚާއިނުންގެ ގޮތުގައި ޕީޕީއެމުން ސިފަކުރިއެވެ.