10 Mar 2018, 10:46
ޗެރިޓީއަކުން ދިން ބޭންކް ކާޑެއް ބޭނުންކޮށް، އަމިއްލަ ބޭނުމަށް 10،000 އަށް ވުރެ ގިނަ ޑޮލަރުގެ މުއާމަލާތްތަކެއް ކުރެއްވިކަމުގެ ތުހުމަތުތަކެއް ކުރެވުމާ އެކު، މޮރިޝަސްގެ ރައީސާ އަމީނާ ގުރީބު މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމައިފި އެވެ.
އިންޑިއާ ކަނޑުގެ ޖަޒީރާ މޮރިޝަސްއަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި އަންހެނަކު ހުންނަވާ ހަމައެކަނި ގައުމެވެ.
މޮރިޝަސްގެ ބޮޑުވަޒީރު ޕްރާވިންދް ޖުގްނައުތު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އިސްތިއުފާ ދެއްވާ ވާހަކަ ރައީސާ، އެމަނިކުފާނު އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ.
"އެންމެ ފުރަތަމަ ގައުމު އިސްކުރަން ޖެހޭނީ. ދުނިޔޭގައި ދިރިހުރި ޑިމޮކްރަސީއެއްގެ ގޮތުގައި މޮރިޝަސްއާ މެދު އަޅުގަނޑު ފަޚުރުވެރިވަން،" ބޮޑުވަޒީރު ވިދާޅުވި އެވެ.
މޮރިޝަސްގެ "ލެކްސްޕްރެސް" ނޫހުން ވަނީ ރައީސާ އަމީނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމުގެ ލިޔެކިތުންތަކެއް އާންމުކޮށްފަ އެވެ. އެ ލިޔުންތަކުން ދައްކާ ގޮތުގައި، ރައީސާއަށް ކްރެޑިޓް ކާޑެއް ދިނީ އެފްރިކާ ބައްރާ ބެހޭ ސައިންޓިފިކް މަސައްކަތްތަކެއް ކުރާ އިނގިރޭސި ޖަމިއްޔާ "ޕްލެނެޓް އާތު އިންސްޓިޓިއުޓް"އިންނެވެ.
"ލެކްސްޕްރެސް" ނޫހުން ބުނީ އެ ކާޑު އެކަމަނާއަށް ދެއްވީ، އެކަމަނާ މީގެ ކުރިން އެޖަމިއްޔާ އަށް ކޮށްދެއްވި މަސައްކަތްތަކެއްގެ ދަށުންނެވެ.
އެ ކްރެޑިޓް ކާޑު މެދުވެރިކޮށް އެކަމަނާ ވަނީ އެތައް ހާސް ޑޮލަރެއްގެ އަގު ކުރެވޭ އަންނައުނާއި ގަހަނާގެ އިތުރުން އެހެނިހެން ތަކެތި ވެސް ބައްލަވައިގެންފަ އެވެ.
ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުން، ރައީސާ އަމީނާ ވަނީ އެކަމަނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ އަމަލުތަކަށް އިންކާރު ކުރައްވައިފަ އެވެ. އަދި ޗެރިޓީ މެދުވެރިކޮށް ލިބިވަޑައިގެންނެވި ހުރިހާ ފައިސާއެއް އަނބުރާ ދެއްވާފައިވާ ކަމަށް ވެސް އެކަމަނާ ވިދާޅުވި ކަމަށް ރޮއިޓާސް އިން ރިޕޯޓުކުރެ އެވެ.
ބީބީސީން ރިޕޯޓުކުރާ ގޮތުގައި، ރައީސާ އަމީނާ މަގާމުން އިސްތިއުފާ ދެއްވާނީ މޮރިޝަސްގެ 50 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް އަންނަ ހަފްތާގައި ބާއްވާ ހަރަކާތްތަކަށް ފަހު އެވެ.
މޮރިޝަސްގެ ރައީސާ އަމީނާ ގުރީބަކީ ބަޔޯޑައިވާސިޓީ ސައިންޓިސްޓެކެވެ. އެކަމަނާ މޮރިޝަސްގެ ރައީސާގެ މަގާމަށް ވަޑައިގެންނެވީ 2015 ވަނަ އަހަރު އެވެ.