ދަނޑުގެ ވިނަގަނޑުގެ މައްސަލަތަކެއް އުޅޭނަމަ އެކަން ހައްލުކޮށްދިނުމަށް ޔޫތު މިނިސްޓްރީން އެދޭނެކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރަޓަރީ މުހައްމަދު ޖަވާޒް (ޖަވާ) ވިދާޅުވެއްޖެއެވެ.

ޖަވާ 'ސަން ސްޕޯޓްސް'އަށް މިހެން ވިދާޅުވީ މާލޭ ލީގުގައި ކުޅެމުންދާ ބައެއް ޓީމުތަކުގެ ކޯޗުން ދަނޑުގެ ވިނަގަނޑާމެދު ކަންބޮޑުވުންތައް ފާޅުކުރުމާ ގުޅިގެންނެވެ.

މާލޭ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ނިއުރޭޑިއަންޓް ވާދަކުރި މެޗަށްފަހު ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުނެފައިވަނީ ރީތި ފުޓުބޯޅައެއް ކުޅުމަށް ދަނޑުގެ ހާލަތު ތަން ނުދޭ ކަަށެވެ. ހާއްސަކޮށް ދަނޑަށް ފެން ޖަހަން ޖެހޭ ވަރަށް ނުޖެހި އޮތުމުން ބޯޅަ ޕާސްކުރަން އުނދަގޫވާ ކަމަށްވެސް އޮސްކާ ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާއާއި ނިއުރޭޑިއަންޓް ވާދަކުރި މެޗުގެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒް މޫސާ

ނިއުގެ ކޯޗުގެ އިތުރުން ކްލަބު އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން)ވެސް ވަނީ ދަނޑުގެ ވިނަގަނޑުގެ ހާލަތާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފައެވެ.

"ރަނގަޅު ފުޓުބޯޅައެއް. ނޫނީ ބިންމަތީ ޕާސްކޮށްގެން ކުޅޭ ފުޓުބޯޅައެއް ކުޅެން ބަލާއިރު ދަނޑުގެ ކޮންޑިޝަން އެންމެ ރަނގަޅެކޭ އަޅުގަނޑު ނުދަންނަވާނަން. ސީޒަންގެ ކުރީ ކޮޅު ދަނޑުގެ ކޮންޑިޝަން މިހާލަތުގައި އޮތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް. ސީޒަންގައި ބައިވަރު މެޗުތަކެއް ކުރިއަށް ހުރިއިރު ދަނޑުގެ ހާލަތަށް ފަހުން ވާނީ ކިހިނެތްކަން ނޭނގޭ މިހާރު މިހާލަތުގައި އޮތްއިރު،" ދަނޑުގެ ހާލަތާ ގުޅިގެން މޯހަން ބުންޏެވެ.

މޯހަންވަނީ އެފްއޭއެމްގެ އަރިހުން ދަނޑުގެ ހާލަތު ބަލައިދިނުމަށްވެސް އެދިފައެވެ.

ކޯޗުންގެ ބަސްތައް މިހެން ހުރިއިރު އެފްއޭއެމުން ބުނެފައިވަނީ ދަނޑުގެ ވިނަގަނޑުގެ ހާލަތާ ގުޅިގެން އެ އިދާރާއަށް އެއްވެސް ކްލަބަކުން އަދި ރަސްމީ ސިފައެއްގައި މައްސަލައެއް ހުށައަޅާފައި ނުވާ ކަމަށެވެ.

"ރަސްމީކޮށް އެއްވެސް އަޅުގަނޑުމެންނާ ހަމައަށް އަދި ނާދޭ ދަނޑުގެ މައްސަލައެއް ގައެއް. ދަނޑުގެ ކަންކަން ބަލަހައްޓަނީ ޔޫތު މިނިސްޓްރީން. އެކަމަކުވެސް ޓީމުތަކަށް ދަތިވާނަމަ އަޅުގަނޑުމެން އެދެން އެ ކަންކަން ހައްލު ކޮށްދޭން. ކޯޗުން މީޑިއާގައި ތި ގޮތަށް ބުނެފައި އޮތުމުން އަޅުގަނޑުމެން ޔޫތު މިނިސްޓްރީއަށް އެދޭނަން މައްސަލަ ހައްލުކޮށްދިނުމަށް،" އެފްއޭއެމްގެ ޖެނެރަލް ސެކްރަޓަރީ ޖަވާ ވިދާޅުވިއެވެ.