13 Mar 2018, 15:59
މިދިޔަ މަހުގެ 11 ވަނަ ދުވަހުގެރޭ އަލިފާންރޯވި އައްޑޫ ސިޓީ ހިތަދޫ ދޮންލަފަރުގޭގެ އާއިލާއަށް ސިޓީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.
އެގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގޭގައި މީހުން ދިރިނޫޅެވޭ ވަރަށް ގެއްލުންް ލިބިފައިވާތީ ދޮންލަފަރުގޭގެ މީހުން މިހާރު ދިރިއުޅެނީ އަވައްޓެރިންގެ އެހީގައި ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފް ސަން އަށް އިއްޔެ ވިދާޅުވީ ކައުންސިލްގެ ފަރާތުން ދޮންލަފަރުގޭ އާއިލާއަށް 30،000 ރުފިޔާގެ ރަމްޒީ އެހީއެއް ދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެގޭގައި އަލިފާން ރޯވެ ގޭގައި މީހުންނޫޅެވޭ ވަރަށް ގެއްލުން ލިބިފައިވާ ކަމަށާއި ދޮންލަފަރުގޭގެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކޮށްދިނުމަށް ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރުގައި އެދިފައިވާނެ ކަމަށެވެ.
އެކަމާ ގުޅިގެން ޑިޒާސްޓާގެ ބަހެއް ހޯދަން ކުރި މަސައްކަތުން އެ ސެންޓަރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ދޮންލަފަރުގޭގެގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން އެގޭގެ ދެ ކޮޓަރިއަކަށް ވަނީ ގެއްލުން ވެފަ އެވެ. އޭގެ ތެރެއިން އެއް ކޮޓަރި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
އަލިފާނުގެ އަސަރުކުރި ދެވަނަ ކޮޓަރީގައި ހިފާ ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުންވެފަ އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ވެފައެއްނުވެ އެވެ.