ދުނިޔޭގެ އެކިކަންކޮޅުގައި ތިބި ޒުވާނުންނަށް އެއްބާރުލުމާއި އެހީތެރިކަންދީ އިތުރަށް އެ ޒުވާނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ޔޫތު ކޮމިޓީ (އައިވައިސީ)ގެ ރާއްޖޭގެ އައު ޗީފަކަށް ޑރ. އާއިޝަތު ރަފިއްޔާ (ރަފީ) އައްޔަން ކުރައްވައިފި އެވެ.

ރާއްޖެއާ ސަރަހައްދީ ފެންވަރުގައި ޒުވާނުން ބާރުވެރިކުރުމަށް އުފައްދާފައިވާ ރީޖަނަލް އެލަޔަންސް ފޯ ފޯސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާގެ ފައުންޑާ އަދި ރައީސާކަން ވެސް ކުރައްވަމުން ގެންދަވާ އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވާ ރަފީ އެ މަގާމަށް އައްޔަން ކުރެއްވީ ތިން އަހަރުގެ މުއްދަތަކަށެވެ.

އައިވައިސީ މޯލްޑިވްސްގެ ޗީފްގެ އިތުރުން ރަފީ އަކީ އައިވައިސީގެ ނައިބް ރައީސާ ވެސް މެއެވެ. މިދިޔަ ޑިސެމްބަރު މަހު އެ މަގާމަށް ހޮވިވަޑައިގަތް ރަފީ ވެގެން ގޮސްފައިވަނީ އައިވައިސީގެ ނާއިބް ރައީސާއަކަށް ހޮވުނު ފުރަތަމަ ދިވެއްސަށެވެ.

އޭގެ އިތުރުން މިދިޔަ އަހަރު އިންޑިއާގެ ބުބަނޭޝްވަރު ސިޓީގައި ބޭއްވި ފުރަތަމަ ސައުތު އޭޝިއަން ޔޫތް ސަމިޓުގައި އެމްބެސެޑަރުކަން ކުރެއްވި ރަފީއަށް ވަނީ އެ ސަމިޓުގެ އެންމެ މޮޅު އެމްބެސެޑަރުގެ އެވޯޑާއި އައިވައިސީން ޒުވާނުންނަށް ދެމުން ގެންދާ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ގުލޯބަލް ޔޫތް އެވޯޑް ވެސް ލިބިފައެވެ.

ރާއްޖެއަށް ކަނޑައެޅި އައިވައިސީގެ އައު އެމްބެސެޑަރަކަށް މިފަހަރު އައްޔަން ކޮށްފައިވަނީ ފަޒްލީ އަބްދުލް ވައްހާބް އެވެ. ފަޒްލީ އަކީ އެމްޓީޑީސީގެ ބޯޑު މެންބަރުކަން ވެސް ކުރައްވާ ބޭފުޅެކެވެ. އަދި އޭނާ އަކީ މޯލްޑިވްސް ޑިވެލޮޕްމެންޓް ރިސާޗް އިންސްޓިޓިއުޓްގެ ކޯ ފައުންޑާ އަދި ސީއީއޯ އެވެ.

ރާއްޖެއަށް ކަނޑައެޅި އައިވައިސީގެ ޑެޕިއުޓީ އެމްބެސެޑަރަކަށް މިފަހަރު އަލަށް އައްޔަން ކޮށްފައިވަނީ ރަފީގެ އެކްޒެކެޓިވް ބޯޑް މެމްބަރު އަދި އެމްޑީއޭގެ ޔޫތު ކައުންސިލް މެމްބަރުގެ އިތުރުން ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބް ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އިސްމާއިލް ރިފާއުއެވެ.