ރާއްޖޭން ކަންތައްތަކެއް އިސްލާހު ކުރުމަށް ގޮވާލާ (އީޔޫ) ޕާލިމަންޓުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.

އީޔޫ ޕާލިމެންޓުން މިއަދު ފާސްކުރި ގަރާރުގައި ބުނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާށާއި ސިޔާސީ ހައްޔަރީން ދޫކޮށްލައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ވެރިންނަށް ބައިވެރިވެވޭ ގޮތަށް ރިޔާސީ އިންތިހާބު ބޭއްވުމުގެ މަގު ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުން ދާތީ އެކަން ހުޓާލުށް ވެސް އީޔޫ ޕާލިމެންޓް ގަރާރުގައި ވަނީ ގޮވާލައިފަ އެވެ. އަދި އެކި ދީންތަކަށް ފުރުސަތު ދިނުމަށް ވެސް ގޮވާލާފައިވެ އެވެ.

އީޔޫއަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން 'ސަން' އަށް މިއަދު ވިދާޅުވީ އީޔޫގެ ޕާލިމެންޓުން ގަރާރެއް ފާސްކޮށް ނެރިފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއާ މެދު ފިޔަވަޅު އަޅަން ކައުންސިލަކަށް ހުށަހެޅުމަށް ފާސްކޮށްފައި ނުވާ ކަމަށް ޝިއާން ވިދާޅުވި އެވެ.