16 Mar 2018, 20:19
ޕެރިސް (16 މާޗް): ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަލް ސައުދުގެ ދަރިކަނބަލުން ހައްސާ ބިންތި ސަލްމާން ހައްޔަރުކުރުމަށް ފްރާންސްގެ ކޯޓަކުން އަމުރު ނެރެފިއެވެ.
ހައްސާ ހައްޔަރުކުރުމަށް ފްރާންސްގެ ކޯޓުން އަމުރު ނެރެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ. ނަމަވެސް އެކަން މީޑިއާއަށް ހާމަވީ މި ހަފުތާ ތެރޭގައެވެ.
ކޯޓުން ހައްސާގެ މައްޗަށް ދައުވާކުރަނީ އޭނާ ފްރާންސްގައި އުޅުއްވިއިރު އޭނާގެ އެޕާޓްމަންޓްގައި މަސައްކަތްކުރި ޕްލަމްބަރެއްގެ ގައިގައި ޖެހި މައްސަލައިގައެވެ.
ޕްލަމްބަރު ބުނީ އޭނާގެ ގައިގައި ހައްސާގެ ބޮޑީގާޑު ޖެހީ ހައްސާގެ އެޕާޓްމަންޓްގެ ފޮޓޯއެއް ނެގި މައްސަލައިގައި ކަަމަށެވެ. އަދި އެ ފޮޓޯ ނެގީ އެޕާޓްމަންޓްގެ މަސައްކަތެއް ކުރުމަށް ކަމަށެވެ.
"ކަލެއަށް ހައްގު ވަނީ މަރު. ކަލޭ ދިރިހުރުމުގެ އެއްވެސް ހައްގެއް ނެތް،" ޕްރިންސަސް ވިދާޅުވި ކަމަށް ޕްލަމްބަރު ބުންޏެވެ.
ޕްލަމްބަރު ބުނީ އެ ހާދިސާގައި ހައްސާގެ ބޮޑީގާޑު ލައްވައި އޭނާ ބަނުމަށްފަހު އަނިޔާކުރި ކަމަށާއި އަދި ކުޑަކަކޫ މައްޗަށް ވެއްޓި މާފަށް އެދެން މަޖުބޫރުކުރުވި ކަަމަށެވެ.
އެ ހާދިސާއާ ގުޅިގެން ހައްސާ އެނބުރި ސައުދީ އަރަބިއްޔާއަށް ވަޑައިގަތްފަހުން ހުންނަވަނީ ގޭބަންދުގައި ކަމަށް އޭނާގެ ތިމާގެ މީހަކު ވަނީ ނިއުޔޯކް ޓައިމްސްއަށް މައުލޫމާތު ދީފައެވެ.
މަސްދަރު: ނިއުޔޯކް ޓައިމްސް