17 Mar 2018, 00:10
އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފ. އަތޮޅުގެ ޗެމްޕިއަންކަން ނިލަންދޫން ހޯދައިފިއެވެ.
މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގައި ފ. އަތޮޅުން ބައިވެރިވެފައިވަނީ ނިލަންދުއާއި މަގޫދެއެވެ. އެ އަތޮޅުން ދެ ރަށް ބައިވެރިވެފައިވާތީ އަތޮޅު ބުރު ކުރިއަށްދިޔައީ ހޯމް އެންޑް އަވޭ އުސޫލުންނެވެ.
މަގޫދޫގައި ކުޅުނު ފުރަތަމަ މެޗު ނިލަންދޫން 1-0ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާ އިރު، މިއަދު އަމިއްލަ ރަށުގައި ކުޅުނު މެޗު، ނިލަންދޫން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.
މެޗުގެ 13 ވަނަ މިނެޓުގައި އަބްދުﷲ އަރީންގެ ގޯލާއެކު މަގޫދޫން އުންމީދު އާކުރި ނަމަވެސް، 41 ވަނަ މިނެޓުގައި ނިލަންދުއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ.
ނިލަންދޫގެ ޕެނެލްޓީ ކާމިޔާބުކޮށް، އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އަބްދުލް ބާސިތެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް އަހުމަދު ސަނޫން ކާމިޔާބުކޮށްދިން ގޯލާއެކު ނިލަންދޫން ވަނީ މެޗުގެ ލީޑު ނަގައިފައެވެ.
ފ. އަތޮޅުގެ ޗެމްޕިއަންކަން ހޯދައި ނިލަންދޫން ވަނީ ޒޯން ފަހެއްގެ ޒޯން ބުރަށް ކޮލިފައިވެފައެވެ. އެ ޒޯންގެ ޒޯން ބުރަށް މިހާރު ކޮލިފައިވެފައިވާ ޓީމުތަކަކީ ވ. ފުލިދުއާއި ފ. ނިލަންދުއެވެ. ފުލިދުއަށް ޒޯން ބުރުގެ ޖާގައެއް ލިބުނީ ވ. އަތޮޅުން އެޓީމު އެކަނި ބައިވެރިވުމުންނެވެ.
ފ. އަތޮޅާއި ވ. އަތޮޅުގެ އިތުރުން ދެން ޒޯން ފަހެއްގައި ހިމެނެނީ މ. އަތޮޅާއި ދ. އަތޮޅެވެ.