އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބު އިއްޔެ ކުޅުނު މެޗުން މާޒިޔާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ވިކްޓަރީގެ ކޯޗު، ލާޒްލޯ ކިސްގެ ބަހުގެ ހަމަލާތައް އަމާޒުކުރީ މެޗުގެ ރެފްރީއަށެވެ.

އިއްޔެގެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު، ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓާއެކު މާޒިޔާއަށް މިވަގުތު ވަނީ ހިތްހަމަ ޖެހުމެއް ލިބިފައެވެ.

އިއްޔެގެ މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު، އިސްމާއީލް މަހްފޫޒު (އިންމަ) ބުނީ މާޒިޔާއަށް ލިބުނީ މުހިންމު މޮޅެއް ކަމަށާއި ޓީމުގެ ބުރަ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށެވެ.

"ބްރޭކަށް ދިއުމުގެ ކުރިން ވަރަށް މުހިންމު މޮޅެއް. ކުޅުންތެރިންގެ ބުރަ މަސައްކަތާއެކު ޓީމުގެ ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ. މާ ބޮޑު ޕްރެޝަރެއް ފެނިގެން ނުދިޔަ،" އިންމަ ބުންޏެވެ.

އިއްޔެގެ މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާގެ ފޯވަޑް އަހުމަދު އިމާޒް (އާއްކޮ)އަށް އަނިޔާވުމާއެކު ކޯޗު އިންމަ ދަނޑަށް ނެރުނީ ގައުމީ ސްޓޭޑިއަމްގެ ތަޖުރިބާ މަދު އާދަމް ނާސިހު (އާދަންނާ)އެވެ.

އެސްޓީއޯ މާލޭ ލީގުގައި ކްލަބް ގްރީން ސްޓްރީޓްސް އާއި މާޒިޔާ ބައްދަލުކުރި މެޗަކީ އާދަންނާ މާޒިޔާ ޖާޒީގައި ކުޅުނު ފުރަތަމަ މެޗު --- ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އިއްޔެގެ މެޗަކީ އޭނާ ފުރަތަމަ ޑިވިޝަން ލެވެލްގައި ކުޅުނު ދެވަނަ މެޗެވެ. ގައުމީ ސްޓޭޑިއަމްގެ ތަޖުރިބާ މަދު ނަމަވެސް އާދަންނާއަކީ އަތޮޅު ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ހުނަރުގެ ގޮތުން މޮޅު، ދުވެލި ބާރު ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރު، ތ. ތިމަރަފުއްޓަށް އުފަން އާދަންނާއަށް އިއްޔެ ލިބުނު ފުރުސަތާއެކު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.

"އަލަށް ބޭނުންކުރާ ކުޅުންތެރިއެއް އާދަންނާއަކީ. އޭނާގެ އެބަހުރި ހަމަ ފުރަތަމަ ޑިވިޝަންގެ އެންމެ މަތީ ލެވެލްގައި ކުޅެވޭނެ ފެންވަރު. ކުޅުމާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ،" އާދަންނާގެ ކުޅުމާ ގުޅޭގޮތުން މާޒިޔާގެ ކޯޗު އިންމަ ބުންޏެވެ.

އާދަންނާ އިއްޔެ ދެއްކި ކުޅުމާއެކު މާޒިޔާގެ ފުރަތަމަ 11 އަށް އޭނާ ޗެލެންޖު ކުރާނެ ކަމަށް ބެލެވެއެވެ، މިރޭގެ މެޗަށްފަހު ދެން މާލޭ ލީގު މެޗުތައް ފަށާނީ ގައުމީ ޓީމުގެ މެޗުތަކަށް ވަގުތު ދިނުމަށްފަހުގައެވެ.

މާޒިޔާއަށް ދެން މެޗެއް ކުޅެން ޖެހޭނީ އަންނަ މަހުގެ ހަތްވަނަ ދުވަހު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.